އިހަވަންދިއްޕޮޅުގައި ހަދާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް އެސްޓީއޯ އިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ ގޮތުގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގް އާއެކު އެއްބަސްވުމެއްގައި މިރޭ ސޮއި ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުން ކަމަށެވެ. އެގޮތުން މިއަދު ސޮއި ކުރި އެމްއޯޔޫއަކީ އެސްޓީއޯ އާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީޒްތައް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވީ އެއްބަސްވުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އެ ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެއެވެ.

އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީ އަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވާއިރު، އެ ސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައި ދިނުމަކީ މި ޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުން ހުރި ވިޔަފާރިތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށާއި މީގެތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ހޭންޑްލިން، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށް ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކޮށްފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެމްއެންޑީއެފްގެ ލަފާގެ މަތިން މި ޕްރޮޖެކްޓް ހިންގުމުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.