މާޅެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދާއިމީ ލިސްޓު އިއުލާން ކުރަން ތައްޔާރު ވަމުން އަންނަ ކަމަށާއި މި މަހު ލިސްޓު އިއުލާން ކޮށް ގުރުއަތު ނަގާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް ސީދާ ދާއިމީ ލިސްޓް އިއުލާން ކުރާނެ ތާރީހެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތް މުޅިންހެން ނިމިފައިވާ ކަމަށާއި ދާދި ފަހުން ނެރުނު ވަގުތީ ލިސްޓަށް ބަދަލު އަންނަ ފަދަ ޝަކުވާތައް މަދު ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ލިސްޓް ނެރުމަށް ފަހު ފުރަތަމަ ލާނީ ގުރުއަތު ކަމަށާއި ލިސްޓް ނެރޭއިރު އެމީހަކަށް ލިބޭ ގޯތީގެ ސައިޒު އެނގޭނެ ކަމަށް އާރިފް ވިދާޅުވިއެވެ. އަދި އެ ލިސްޓުގައި ޖޮއިންވެގެން ލާފައިވާ ގިނަ މީހުން ހިމެނޭ ފަރާތްކަށް 4000 އަކަފޫޓުގެ ގޯތި ދޭނީ ހުޅުމާލެ އަދި ގުޅީފަޅުން ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

މިހާރު ހުރި ބިމަށް ބަލާ އިރު ހުޅުމާލެއިން 1250 އަކަފޫޓުގެ 2200 ގޯތި ދެވޭހާ ބިން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގުޅީފަޅުން 3600 ގޯތީގެ ބިން ކަނޑައަޅާފައިވާ ކަމަށާއި އަދި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރަށް ބިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ވެސް 50 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެފައި ވީ ނަމަވެސް، ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަފުޅު ދައްކަވަމުން ވަނީ، ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އަދި ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް މި މަހުގެ ތެރޭގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް އޭރު ވަނީ ވިދާޅުވެފައެވެ.