ރަޝިއާގެ ދެކުނުގައި ދަނޑުވެރިކަން ކުރާ ކުޑަ ޖަމާއަތެއްގެ އައްސޭރީގައި އޮތް ބިމަކުން ޔުކްރައިންގައި މަރުވި ހަނގުރާމަވެރިން ވަޅުލާފައިވާ ގަބުރުސްތާނެއް ފެނިއްޖެއެވެ. މަހާނަތައް ޒީނަތްތެރި ކޮށްފައި ވަނީ އާދައިގެ ލަކުޑި ސޮލީބުތަކާއި، ރަޝިއާގެ ވާގްނާ ގްރޫޕްގެ ކުލަގަދަ ނިޝާންތަކުންނެވެ.

ކްރަސްނޯޑާ ސަރަހައްދުގެ ބަކިންސްކާޔާ ވިލެޖުގެ ބޭރުގައި އޮތް އެ ސަރަހައްދުގައި ގާތްގަނޑަކަށް 200 އެއްހާ ގަބުރު އޮތެވެ. އެމީހުން ދެނެގަތުމަށްޓަކައި މަރުވި މީހުންގެ ތެރެއިން މަދުވެގެން 39 މީހުންގެ ނަން ބަލައި ރަޝިއާގެ ކޯޓު ރެކޯޑާއި އާންމުކޮށް ލިބެން ހުރި ޑޭޓާބޭސްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކާ އަޅާކިޔާ ދިރާސާތައް ވަނީ ހަދާފައެވެ. މަރުވި ބައެއް މީހުންގެ އާއިލާ އާއި ރަހުމަތްތެރިންނާއި ވަކީލުންނާ ވެސް މި ދިރާސާތައް ހެދި އިރު އިންޓަވިއުތައް ކޮށްފައިވެއެވެ.

ބަކިންސްކާޔާގައި ވަޅުލާފައިވާ ގިނަ ފިރިހެނުންނަކީ މިދިޔަ އަހަރު ވާގްނާ އިން ރެކްރޫޓްކުރި ކުށްވެރިން ކަމަށް ދިރާސާތަކުން ވަނީ އެނގިފައެވެ. މަރުވެފައި ތިބި މީހުންގެ ތެރޭގައި މީހުން މަރާފައިވާ ގައިދީންނާއި، ކުށްވެރިންނާއި މަސްތުވާތަކެތީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ.

ޔުކްރައިންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ ބަހްމުތާއި ސޮލެދާރުގެ އަވަށްތައް ހިފުމަށް އެތައް މަހެއް ވަންދެން ވާގްނާ ގެންދިޔައީ ލޭއޮހޮރުވުމުގެ ހަނގުރާމައެއް ކުރަމުންނެވެ. ހުޅަނގާއި ޔުކްރައިންގެ އޮފިޝަލުން ބުނަމުން ދަނީ ކުށްވެރިން ބޭނުން ކުރަނީ ޔުކްރައިންގެ ދިފާއީ ބާރު ކަނޑުވާލުމަށް ކަމަށެވެ. ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ވަނީ މި މަހު ވާގްނާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލައްވައި، އެ ޖަމާއަތަކީ ބޮޑެތި އަނިޔާތަކާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ޖިނާއީ ޖަމިއްޔާއެއް ކަމަށް ސިފަކުރައްވާފައެވެ.

ކްރަސްނޯޑާ ސަރަހައްދުގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އެ ގަބުރުތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ހޫނު މޫސުމުގައި ވާގްނާ ޕްލޮޓް އޮތީ ހުސްކޮށް ކަމަށާއި ނޮވެމްބަރު މަސް ނިމުނުއިރު ތިން ސަފުގެ ގަބުރުތައް ހުރި ކަމަށާއި ޖެނުއަރީ މަހުގެ ކުރީކޮޅު ތިންބައިކުޅަ އެއްބައި ފުރިފައިވާ ކަމަށެވެ. މުޅި ޕްލޮޓް ބޭނުން ކޮށްފައި ވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޔުކްރައިންގައި މަރުވި ސިފައިންނާއި ކްރަސްނޯޑާ ސަރަހައްދުގެ ގަބުރުސްތާނުތަކުގައި ވަޅުލާފައިވާ ސިފައިންގެ ލިޔުންތައް އެންމެ ފުރަތަމަ ނެގި ލޯކަލް އެކްޓިވިސްޓް ވިޓަލީ ވޮޓަނޮވްސްކީ ބުނީ ގަބުރުސްތާނަށް ހަށިތައް ޑެލިވަރީ ކުރާ ޓްރަކެއް ފެނުނު ކަމަށެވެ. އޭނާ ބުނިގޮތުގައި އެ މީހުންގެ ހަށިގަނޑުތައް އައީ ރަޝިއާގެ ޑޮނެޓްސްކް ސަރަހައްދާ ބޯޑަރު ކައިރީގައި އޮންނަ ރަޝިއާގެ ސިޓީއެއް ކަމަށްވާ ރޮސްޓޯވް އޮން ޑޮން އިންނެވެ. މިދިޔަ ޖެނުއަރީގައި އެ ސަރަހައްދު ވަށައިގެން ފެންސާއި ސެކިއުރިޓީ ކެމެރާތައް ވަނީ ހަރުކޮށްފައެވެ.

ރަޝިއާގެ ސަރުކާރު ހިއްސާވާ ނިއުސް އެޖެންސީ އާރްއައިއޭ ނޮވޮސްތީން ވަނީ ޖެނުއަރީ މަހުގެ ކުރީކޮޅު ޕްރިގޯޒިން ގަބުރުސްތާނަށް ޒިޔާރަތްކޮށް، މަހާނައެއްގެ މަތީގައި މާތަކެއް ބަހައްޓާތަން ފެންނަ މަންޒަރުތައް އާންމު ކޮށްފައެވެ. އޭނާ އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެތަނުގައި ވަޅުލާފައިވާ ފިރިހެނުންގެ ހަށިތައް ގާތްތިމާގެ މީހުންނަށް އަނބުރާ ދިނުމުގެ ބަދަލުގައި ކައިރީގައި އޮންނަ ގޯރިޔާޗީ ކްލިއުޗް އަވަށުގެ ބޭރުގައި އޮންނަ ވާގްނާ ޗެޕަލްއެއްގައި ވަޅުލަން ބޭނުންވާ ކަމަށެވެ. އޭނާ ބުނެފައި ވާ ގޮތުގައި ބަކިންސްކާޔާ ޕްލޮޓަކީ ޗެޕަލްގެ ޖާގަ ހުސްވުމުން ކަމާ ބެހޭ ފަރާތްތަކުން ފޯރުކޮށްދިން ގޯއްޗެކެވެ. ބަކިންސްކާޔާއާ ގާތްގަނޑަކަށް 5 މޭލު (9 ކިލޯމީޓަރު) ދުރުގައި އޮންނަ މޯލްކިނޯ ނަމަކަށް ކިޔާ އަވަށުގައި ވާގްނާ ޓްރެއިނިން ކޭމްޕެއް އޮތް ކަމަށް ރޮއިޓާސް އިން 2019 ވަނަ އަހަރު ވަނީ ރިޕޯޓް ކޮށްފައެވެ.

ވާގްނާގެ ބާނީ، ޔެވްގެނީ ޕްރިގޯޒިން ޔޫކްރެއިންގައި ހަނގުރާމަކުރުމުން މައާފު ލިބުނު ކުށްވެރިންނާއެކު

ތަހުލީލު ކުރި 39 ކުށްވެރިންގެ ތެރެއިން 10 މީހަކު، މީހުން މެރުމުގެ ކުށުގައި ޖަލަށް ލި އިރު ފޭރުމުގެ ކުށުގައި 24 މީހަކު އަދި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ކުށުގައި ދެ މީހަކު ޖަލަށްލިއެވެ. ދެން ހުރި ކުށްތަކުގެ ތެރޭފައި މަސްތުވާތަކެތި އުފެއްދުމާއި މުއާމަލާތް ކުރުމާއި ބްލެކްމެއިލް ކުރުން ހިމެނެއެވެ. ކުށްވެރިންގެ ތެރޭގައި ޔުކްރައިން، މޯލްޑޯވާ އަދި ރަޝިއާގެ ތާއީދު އޮންނަ ޖޯޖިއާގެ އަބްހާޒިއާ ސަރަހައްދުގެ ރައްޔިތުންވެސް ހިމެނެއެވެ. ބަކިންސްކާޔާ އާ ކައިރީގައި އޮތް ތިން ގަބުރުސްތާނުގައި ހުރި އެމީހުންގެ ގަބުރުތަކުގައި ހުރި ލަކުޑި ސޮލީބު ތަކުން ފެންނަ ގޮތުގައި އެ މީހުން މަރުވެފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ބަހްމުތުގެ ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރުގައެވެ.

ކައިރީގައި އޮތް މާޓަންސްކާޔާ ގަބުރުސްތާނުގައި ވަޅުލާފައިވާ އެންމެ ހަގު އެކަކީ ވަޑިމް ޕުޝްނިއާއެވެ. ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އޭނާ މަރުވިއިރު އޭނާގެ އުމުރަކީ އެންމެ 25 އަހަރެވެ. ޕުޝްނިއާ ޖަލަށް ލީ 2020 ވަނަ އަހަރު ވާގްނާ ޗެޕަލް ކައިރީގައި އޮންނަ އޭނާގެ އުފަން ރަށް ގޯރިޔާޗީ ކްލިއުޗްގައި ހުރި ގަރާޖާއި ބިޔަރު ފިހާރައަކާއި ސިމެންތި ފެކްޓްރީ އަކުން ވައްކަން ކުރި މައްސަލައިގައެވެ. ޕުޝްނިޔާގެ ގަބުރުސްތާނުގައި ޖަހާފައި އޮތް އޭނާގެ އުފަން ތާރީހު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ކޯޓު ރެކޯޑްތަކުގައި ދީފައިވާ ތާރީހާ ދިމާ ނުވިނަމަވެސް އެއީ އޭނާކަން ވަނީ ދެނެގަންފައެވެ.

މޮސްކޯގެ އިރު އުތުރުން 200 މޭލު ބޭރުގައި އޮންނަ އިވާނޯވޯ ސަރަހައްދުގެ ޕެނަލް ކޮލޮނީ ނަމްބަރު 2 ގައި ވައްކަމުގެ ކުށުގައި އެންމެ ދުވަސްވީ ފެއިލް ނަބީވް އަކީ ދޮޅު އަހަރު ވަންދެން ޖަލުގައި ހުރި މީހެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ގަރާޖަކުން ޖުމްލަ 5،500 ރޫބަލް (80 ޑޮލަރު) ގެ އަގުހުރި ސްޓްރިންގް ޓްރިމަރަކާއި ސޭންޑިން މެޝިނެއް ވަގަށް ނެގި ކަމުގެ މައްސަލައިގައެވެ. އިސްލާމީ ހަނދެއް ޖަހާފައިވާ އޭނާގެ ލަކުޑި މަހާނައިގައި ވާ ގޮތުން ނަބީވް މަރުވީ ހުކުމް އިއްވިތާ ފަސް މަސް ނުވަނީސް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާގެ އުމުރުން އޭރު 60 އަހަރެވެ.

ވަޑިމް ޕުޝްނިއާ އޭނާގެ ވީކޮންޓަކްޓޭ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް

ނަބީވްގެ އަންހެނުން އޮލްގާ ވިކްޓޯރޯވާ ބުނިގޮތުގައި ނަބީވް މަރާލާފައި ވަނީ ޔުކްރައިންގައި ކުރަމުން ދިޔަ ހަނގުރާމައިގައި ވާގްނާއާއެކު މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ފިރިމީހާގެ ޖަލު ހުކުމް ނިމުމަކާ ގާތްވެފައިވާ ވީއިރު، ކްރެޑިޓް ކާޑުގެ ބޮޑެތި ދަރަނިތައް ހުރި ކަމަށާއި އެ ދަރަނިތައް މިހާރު ދައްކަން އޭނާއަށް ޖެހިފައިވާ ކަމަށް ބުންޏެވެ. އަދި އޭނާގެ ފިރިމީހާ ވާގްނާއާ ގުޅުނުކަން އެނގުނީވެސް ފިރިމިހާ މަރުވި ފަހުން ކަމަށް އޭނާ ބުންޏެވެ. ރަޝިއާގެ މިނިވަން ނިއުސް ސައިޓް އައިސްޓޯރީޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިގޯޒިން ވަނީ މިދިޔަ އޮގަސްޓް މަހު ހަނގުރާމަވެރިން ހޯދުމަށް ޕެނަލް ކޮލޮނީ ނަމްބަރު 2 އަށް ޒިޔާރަތް ކޮށްފައެވެ.

"އޭނާގެ ހިތުގައި އަބަދުވެސް އޮތީ މޮޔަ ހިޔާލުތަކެއް. ނަބީވް ހީކުރީ ޔޫކްރޭނަށް އަވަސް ދަތުރެއް ކޮށް ފައިސާކޮޅެއް ހޯދާނެ ކަމަށް" ނަބީވްގެ އަންހެނުން ބުންޏެވެ.

ވިކްޓޯރޯ ބުނީ، ކްރެމްލިން އާއި ރަޝިއާގެ ޑިފެންސް މިނިސްޓްރީ އަދި ރަޝިއާގެ ޖަލު އޮފިޝަލުން މި މައްސަލައިގައި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. ވާގްނާ ހަނގުރާމަވެރިންގެ ހިތްވަރުގަދަ އަދި އަމިއްލަ އެދުމެއް ނެތް ކަމަށް ބުނެ ރަޝިޔާ ސަރުކާރުން މީގެ ކުރިންވެސް ވަނީ ތައުރީފު ކޮށްފައެވެ. ވާގްނާގެ ބާނީ ޕްރިގޯޒިން ވެސް މީގެ ކުރިން ބުނެފައި ވަނީ ކުށްވެރިންނަށް "ހަޔާތުގައި ދެވަނަ ފުރުސަތެއް" ދެމުން އަންނަ ކަމަށެވެ.

އެ މީހުން މަރުވީ ސީދާ ކޮން ތަނަކުން ކަމެއް ކަށަވަރުވެފައި ނުވި ނަމަވެސް، އެކަކުގެ މަންމަ ބުނީ އޭނާގެ ދަރިފުޅު މަރުވީ ޑޮނެޓްސްކް ސަރަހައްދުގައި ކަމަށެވެ. އަދި އިތުރު ބައެއް މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް އެމީހުން މަރުވުމުގެ ކުރިން ތިބީ ޔުކްރައިންގައި ކަން އެނގޭ ކަމަށެވެ.

ޔުކްރައިންގައި ރަޝިޔާއިން ހަނގުރާމަ ފެށީއްސުރެ، ކުރިން ސިއްރުން އުޅުން ވާގްނާގެ ކޮމާންޑަރު ޕްރިގޯޒިން ވަނީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. މީގެ ކުރިންވެސް ވާގްނާ ހަނގުރާމަވެރިން ވަނީ ރަޝިޔާގެ ބައިވެރިންނަށް ތާއީދުކޮށް ސީރިއާ، ލީބިޔާ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހަރަކާތްތެރިވެފައެވެ. ކްރެމްލިންގައި ކެއިން ބުއިމުގެ ކޮންޓްރެކްޓް ލިބޭ ޕްރިގޯޒިން މަޝްހޫރުވެފައި އޮންނަ ދެވަނަ ގޮތަކީ ރަޝިއާގައި "ޕުޓިންގެ ޝެފް" ގެ ނަމުންނެވެ. އޭރު ޕްރިގޯޒިން ވަނީ ވާގްނާއާ އެއްވެސް ގުޅުމެއް އޮތް ކަމަށް ދެކޮޅު ހަދާފައެވެ. އެއަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ އަމިއްލަ އަސްކަރިއްޔާއެއް އުފައްދަވާފައިވާ ކަމަށާއި އެއީ ގައުމިއްޔަތުގެ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޔެވްޖެނީ ޕްރިގޯޒިން 2011 ވަނަ އަހަރު ރަޝިއާގެ ބޮޑުވަޒީރު ވްލަޑިމިއާ ޕުޓިންއަށް ދިން ފަރިއްކޮޅެއްގައި

އޭގެ ފަހުން ޕްރިގޯޒިން ވަނީ ޔުކްރައިންގެ އިރުމަތީ ސަރަހައްދުގެ ފްރޮންޓްލައިން ތަކަށް ތަކުރާރުކޮށް ޒިޔާރަތްކޮށް، ރަޝިއާގެ އަސްކަރީ ލީޑާޝިޕާއި ބައެއް އިސް ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާ، ރަޝިއާގެ ބޮޑު އަދަބުގެ ނިޒާމުގެ ތެރެއިން ހަނގުރާމަވެރިން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އަމިއްލައަށް އިސްކޮށް ހަރަކާތްތެރި ވެފައެވެ.

ރަޝިއާގެ ފެޑެރަލް ޕެނިޓެންޝަރީ ސާވިސް އިން އާންމުކުރާ އާންމު ރިޕޯޓެއްގައިވާ ގޮތުން ރަޝިއާގެ ޕެނަލް ކޮލޮނީގެ އާބާދީ، އޮގަސްޓް މަހު 353،210 ގައި ހުރި އިރު ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ 324،906 އަށް ދަށްވެ ގާތްގަނޑަކަށް 8 ޕަސެންޓް މަދުވެފައެވެ. ވާގްނާގެ ޖަލުތަކުގައި މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް ފެށުމާއެކު ކުއްލިއަކަށް އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބެއް އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

މިދިޔަ މަހު ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ގަބޫލުކުރާ ގޮތުގައި ޑިސެމްބަރު މަހާ ހަމައަށް ވާގްނާގެ 40،000 އެއްހާ ގައިދީން ޔުކްރައިންގައި ހަރަކާތްތެރި ވަމުން ދިޔަ އިރު، އެއީ އެ ގައުމުގައި ތިބި ވާގްނާގެ ސިފައިންގެ ބޮޑު ހިއްސާއެކެވެ. މި އަދަދާ ބެހޭ ގޮތުން ވާގްނާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޕްރިގޯޒިން ދިން ވީޑިއޯ މެސެޖެއްގައި ވާގްނާ ސިފަކުރީ އަމިއްލަ މަތިންދާބޯޓާއި ޓޭންކްތަކާއި ރޮކެޓާއި އާޓިލަރީ ހިމެނޭ ފުރިހަމަ މިނިވަން ބާރެއްގެ ގޮތުގައެވެ. އަދި އެއީ "މިއަދު ދުނިޔޭގައި އޮތް އެންމެ ތަޖުރިބާކާރު ލަޝްކަރު ކަމަށް ވެދާނެ" ކަމަށް އޭނާ ބުންޏެވެ.

ޕްރިގޯޒިން ބަކިންސްކާޔާ ގަބުރުސްތާނަށް ޒިޔާރަތްކުރަނީ

ހަރުކަށި ކުށްކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން

ބައެއް ކުށްވެރިންނަކީ އެމީހުންގެ އުމުރުގެ ބޮޑުބައި ޖަލުގައި ހޭދަކުރި ނުވަތަ ދިގު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ކުށްވެރިންނެވެ. ކޯޓު ކަރުދާސްތަކުން ވެސް އެނގޭ ގޮތުގައި އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ގިނަ ފިރިހެނުން ހިމެނެއެވެ. އެހެން ބައެއް ކުށްވެރިންގެ ނަންތައް ބޭންކިން ކަޅު ލިސްޓުގައި އޮތުމުން، މާލީ ގޮތުން ދަތިތަކާ އެމީހުން ކުރިމަތިލާފައި ވާކަން އެނގެއެވެ.

އެމީހުންގެ ދިރިއުޅުމުގެ ސަބަބުން ރަޝިއާގެ ކުށުގެ ދަށު ދަރަޖައިގެ ހަގީގަތްތައް ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ. ވާގްނާގެ ކޮމާންޑަރު ޕްރިގޯޒިން މިދިޔަ ޑިސެމްބަރު މަހު ރަޝިއާގެ ނިއުސް ސައިޓް އާރްބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކުށްވެރިންނަށް "އަމިއްލަ ނަފްސު ސަލާމަތް ކުރުމުގެ" ފުރުސަތު ދެމުން އަންނަ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ ޔުކްރައިންގައި ހޭދަކުރި މުއްދަތުން ސަލާމަތްވެ، މައާފު ދިން ހަނގުރާމަވެރިންގެ ފުރަތަމަ ގްރޫޕާއެކު ފެނިފައެވެ. އޭގެ ހަފުތާތަކެއް ފަހުން އޭނާ ވަނީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލޮޑިން އަށް އާންމު ސިޓީއެއް ފޮނުވައި، ވާގްނާ ހަނގުރާމަވެރިންގެ އަގު ވައްޓާލާ ފަދަ އެއްވެސް އަމަލެއް ނުވަތަ ޕަބްލިކޭޝަނެއް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ކުށްވެރިންގެ މާޒީތައް އާންމުކޮށް ހާމަކުރުން މަނާކުރުމަށް އެދިފައެވެ.

ގައިދީންގެ ތެރޭގައި އުމުރުން 43 އަހަރުގެ އެނަޓޮލީ ބޮޑެންކޯވް ވެސް ހިމެނެއެވެ. އޭނާ އަކީ ކޮންޓްރެކްޓް ކިލަރެއްގެ ގޮތުގައި ހުކުމް ކުރުމަށް ފަހު 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށް ކޯޓު ކަރުދާސްތަކުން ދައްކައެވެ. މި މައްސަލައާ ގުޅޭ ގޮތުން އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 2016 ވަނަ އަހަރު ބޮޑެންކޯވް ވަނީ އުތުރުގެ ސިޓީއެއް ކަމަށްވާ ކިރޯވޯ-ޗެޕެޓްސްކްގައި ލޯކަލް ރިއަލް އެސްޓޭޓް އެޖެންޓެއް 400،000 ރޫބަލް (5،720 ޑޮލަރު) އަށް މަރާލައިފައެވެ. މަހާނަގަލުގައި ލިޔެފައިވަނީ ބޮޑެންކޯވް މަރުވީ ނޮވެމްބަރު 27، 2022 ގައި ކަމަށެވެ. ކޮންތާކު ކަމެއް އެނގޭކަށް ނެތެވެ.

ދެ ވަނަ ގައިދީއެއް ކަމަށްވާ ވިކްޓާ ދޭޝްކޯ، 40، މީހަކު މެރި ކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2021 ވަނަ އަހަރު ކަމަށް ކޯޓުގެ ލިޔެކިޔުންތަކާއި އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާގެ އަންހެނެއްގެ ކަރު ކަނޑާލީ ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ޑޮންބާސް ބޯޑަރު ކައިރީގައި އޮންނަ މައިނިން ޓައުނެއް ކަމަށްވާ ޝަކްތީ ކައިރީގައި އޮންނަ ޖަންގަލީގައި ފައިސާއާ ގުޅިގެން މަސްތުގެ ހާލަތުގައި ހިނގި މާރާމާރީއެއްގައި ކަމަށް ވެއެވެ. ކޯޓުގެ ލިޔުންތަކުގައި ދޭޝްކޯ ސިފަކޮށްފައި ވަނީ "މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ހަރުކަށި މީހެއްގެ ގޮތުގައެވެ. މަރާލިއިރު އޭނާ ހުރީ ޕްރޮބޭޝަންގައި ކަމަށާއި އޭނާ އަކީ މީގެ ކުރިންވެސް ނުރައްކާތެރި ހަތިޔާރަކުން މާރާމާރީ ހިންގުމުގެ ކުށުގައި ތިން އަހަރެއްހާ ދުވަސް ހޭދަކޮށްފައިވާ މީހެއް" ކަމަށެވެ.

ބޮޑެންކޮވް އާއި ދޭޝްކޯއަށް އަށް ބަލާއިރު، މަހާނަ ގާތަކުގައިވާ ފުރިހަމަ ނަންތަކާއި އުފަންތާރީހުތައް އެމީހުންގެ ސޯޝަލް މީޑިއާ އާއި ކޯޓު ރެކޯޑްތަކާ އެއްގޮތް ވިއެވެ.

ތިން ވަނަ ފިރިހެނެއް ކަމަށްވާ ވިޔަޗެސްލާވް ކޮޗާސް، އޭނާގެ އުމުރުން 23 އަހަރުގައި 2020 ވަނަ އަހަރު ގަސްދުގައި މީހަކު މެރުމާއި ހަތިޔާރާ އެކު ފޭރުމުގެ ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ސެއިންޓް ޕީޓާސްބާގްގެ ކޯޓަކުން ވަނީ ހުކުމް ކޮށްފައެވެ. ރަޝިއާގެ ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ކޮޗާސް އާއި އިތުރު މީހަކު ވައްކަން ކުރަން އުޅުމުގެ ތެރޭގައި މަސްތުގެ ހާލަތުގައި އުޅެނިކޮށް އޭނާ ދަންނަ މީހެއްގެ އެޕާޓްމަންޓަށް ވަނެވެ. އޭނާ ވަނީ ދަގަނޑަކާއި މެޓަލް ކްލޯތްސް ހޯސްއެއް ބޭނުން ކޮށްގެން އޭނާ ދަންނަ މީހައާއި އަންހެނެއްގެ ގައިގައި ތަޅާފައެވެ. އެއަށްފަހު ކޮޗަސް ވަނީ އެގޭގައި އަލިފާން ޖަހާފައެވެ.

ވިޔަޗެސްލާވް ކޮޗަސް އޭނާގެ ވީކޮންޓަކްޓޭ އާއި ޓެލެގްރާމް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް

ސޯޝަލް މީޑިއާގައި ކޮޗާސްގެ ފޮޓޯތަކުން ފެންނަނީ ތުއްތު ކުއްޖެއްގެ މޫނެކެވެ. ބައެއް ފޮޓޯތަކުގައި ޒުވާން އަންހެނެއްގެ ގައިގައި ބައްދާލައިގެން ހުންނަ މަންޒަރު ފެނެއެވެ. ރަޝިއާގެ ފޭސްބުކް އިކުއަލިއަންޓް، ވީކޮންޓަކްޓޭގައި ކޮޗާސްގެ ޕްރޮފައިލްގައި މިހާރު ލިޔެފައި ވަނީ "ކިލްޑް އިން ދަ ޑޮންބާސް" އެވެ. ބަކިންސްކާޔާގައި ކޮޗަސްގެ މަހާނަ ގަލުގައި އޭނާ މަރުވި ތާރީހަކީ ޖުލައި މަހުގެ 21 ވަނަ ދުވަސްކަމަށް ލިޔެފައި ވެއެވެ.

ކޮޗާސްގެ ގާނޫނީ ވަކީލް ސްޓެޕާން އަކިމޯވް ވަނީ އޭނާގެ ކުރީގެ މުވައްކިލަކީ ހަގީގަތުގައި ވެސް އާދައިގެ މީހެއް ކަމަށް ސިފަކޮށް، އޭނާއަކީ ބޭއިންސާފުން ކުށް ސާބިތުވެފައިވާ މީހެއްކަމަށް ސިފަކޮށްފައެވެ. ކޮޗަސްގެ ހަބަރެއް އެންމެ ފަހުން ވީ، އޭނާގެ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ކާމިޔާބު ނުލިބުނު ނަމަވެސް، ވަކީލުގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާ ކުރާކަމަށް ބުނެ ފޮނުވި މެސެޖަކުން ކަމަށް އަކިމޯވް ބުންޏެވެ. އަދި ކޮޗާސް، ވާގްނާ އާ ގުޅުނުކަން އެނގުނީ މީޑިއާގެ ފަރާތުން ކަމަށް އަކިމޯވް ބުންޏެވެ.

ރަޝިއާއަކީ ދުނިޔޭގައި ޖަލުތަކުގެ އާބާދީ އެންމެ ބޮޑު އެއް ގައުމެވެ. ރަޝިއާގެ ޖިނާއީ އަދި ޖަލުގެ ސަގާފަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ކަމަށްވާ "ދަ ވޯރީ: ރަޝިއާސް ސުޕަ މާފިއާ" ގެ ލިޔުންތެރިޔާ މާކް ގެލެއޯޓީ ބުނާ ގޮތުގައި ގައިދީންނަށް ވާގްނާގެ އިލްތިމާސަކީ ހަމައެކަނި މައާފަށް އެދުމަށް ވުރެ ފުޅާ ކަމެކެވެ. ވާގްނާއާއެކު ހިދުމަތް ކުރުމަކީ މިނިވަން ވުމަށް ފަހު މަދު އުންމީދުތަކެއް އޮތް ކުށްވެރިންނާއި، ޖަލުގެ ސަގާފަތެއްގައި ދުވަސްތައް ހޭދަކޮށްފައިވާ މީހުންނަށް ފަހުރުވެރިކުގެ އިހުސާސެއް ލިބިގެންދާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ބަކިންގްކާޔާ ގަބުރުސްތާނުގައި ވިޔަޗެސްލާވް ކޮޗާސްގެ މަހާނަ

ބަކިންސްކާޔާގައި ވަޅުލި މީހުންގެ ތެރެއިން އެކަކު ވަނީ އެމީހުންގެ ކުށުގެ ރެކޯޑާއި ޖަލުގައި މުއްދަތު ހޭދަ ކުރިކަން އޭނާގެ އާއިލާއާއި ރައްޓެހިންގެ ކިބައިން ފޮރުވާފައެވެ.

ޔުކްރައިންގެ އިރުމަތީގައި އޮންނަ އޭނާގެ އުފަން ރަށް ލުހާންސްކް ދޫކޮށް ދިޔަތާ ދިހަ ވަރަކަށް އަހަރު ވަންދެން ސްވިޓްލާނާ ހޮލިކް ގަބޫލު ކުރީ އޭނާގެ ކޮއްކޮ ޔޫރީ ޑެނިލިއުކް މަސައްކަތް ކުރަނީ ރަޝިއާގެ ދުރު އުތުރުގައި އޮންނަ ތަނެއްގައި ކަމަށެވެ. ޔުކްރެއިނަށް އުފަން މި ދެ ކޮއްކޮގެ ގާތް ތިމާގެ މީހުން މަދު ކަމަށާއި 2014 ވަނަ އަހަރު ރަޝިއާއަށް ތާއީދުކުރާ ޕްރޮކްސީތަކުން އެ މީހުންގެ އަމިއްލަ ސިޓީ ހިފުމަށް ފަހު، އެ ދެބެއިން ވާހަކަ ދެއްކީ ވަރަށް މަދުން ކަމަށް އޭނާ ބުންޏެވެ. ސްވިޓްލާނާއަށް ހަމައެކަނި އެނގުނު މައުލޫމާތަކީ އޭނާގެ ކޮއްކޮ މަސައްކަތަށް ގަވާއިދުން ދަތުރު ކުރަނީ 500 މޭލު (800 ކިލޯމީޓަރު) ދުރުގައި އޮންނަ ރަޝިއާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ބްރަޔަންސްކް އަށް ކަމަށެވެ.

ނަމަވެސް ސްވިޓްލާނާ ޔުކްރައިންގެ ޑިނިޕްރޯ ސިޓީގައި އާ ދިރިއުޅުމެއް ބިނާކުރަމުން ދިޔަތާ ދޮޅު އަހަރެއްހާ ދުވަސް ވަންދެން އެއްވެސް މުއާމަލާތެއް ނުކުރުމަށްފަހު 2016 ވަނަ އަހަރު ޔޫރީ އޭނާގެ ކޮއްކޮއަށް ބުނީ އޭނާ ބަދަލުވީ ރަޝިއާގެ އާކްޓިކް އުތުރަށް ކަމަށެވެ. އޭނާގެ މެސެޖްތައް ކުރުކަމަށާއި އޭނާގެ ދިރިއުޅުމާ ބެހޭގޮތުން މާ ގިނަ ވާހަކަތައް ހިއްސާ ނުކުރާކަމަށް ސްވިޓްލާނާ ބުންޏެވެ.

ޔޫރީ ޑެނިލިއުކްގެ ގާތް ރަހުމަތްތެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޔޫރީ ވަރަށް ލޯބިވާ އޭނާގެ ކޮއްކޮއަށް ދޮގު ހެދީ އޭނާ ޖަލަށްލި ހަބަރުން ޔޫރީ ކަންބޮޑުވާން ބޭނުން ނުވާތީއެވެ. ހަގީގަތުގައި 2016 ވަނަ އަހަރު އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ކުށުގައި ނުވަ އަހަރާއި އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ކަމަށް ބުންޏެވެ.

ޔޫރީ ޑެނިލިއުކް އޭނާގެ އޯކޭ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް

ރަހުމަތްތެރިޔާ ބުނި ގޮތުގައި އޭނާ އެންމެ ފަހުން ޔޫރީއާ ވާހަކަ ދެއްކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށާއި އެ މަހުގެ ފަހުކޮޅު އެހެން ގައިދީންގެ ފަރާތުން ޔޫރީ ވާގްނާއާ ގުޅިފައިވާ ކަން އެނގުނު ކަމަށެވެ. ރަޝިއާ ބިހައިންޑް ބާސް ވޮޗްޑޯގް ގްރޫޕުން ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ އޮލްގާ ރޮމަނޯވާ ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ޕްރިގޯޒިން ވަނީ ޕެނަލް ކޮލޮނީ ނަމްބަރު 6 އަށް ޒިޔާރަތްކޮށް ގައިދީން ރެކްރޫޓް ކުރުމަށް ދެ ފަހަރެއްގެ މަތިން ގޮސްފައި ކަމަށެވެ.

ރަހުމަތްތެރިޔާ ބުނި ގޮތުގައި ޖަލުގައި ހުރި ދުވަސްވަރު ޔޫރީ ވަނީ އުސޫލެއްގެ ގޮތުން ޖަލުއޮތޯރިޓީއަށް އެއްބާރުލުން ދޭން ދެކޮޅު ހަދާ ގައިދީންގެ ބަޔަކާ ގުޅިފައެވެ. އޭގެ މާނައަކީ ރަނގަޅަށް އުޅެގެން އަވަހަށް ކުށުން ސަލާމަތްވުމުގެ ފުރުސަތު ޔޫރީ ގެއްލުވާލާފައި ވާކަމެވެ. އޭނާ ބުނީ ވާގްނާއާ ގުޅެން ޔޫރީ ނިންމީ މާ ދުވަސްވަންދެން ޖަލުގައި ހުކުމް ތަންފީޒު ކުރަން އޮންނަން ބޭނުންނުވާތީ ކަމަށެވެ.

ޔޫރީ ޑެނިލިއުކް މަހާނައިގައިވާ ގޮތުން އޭނާ މަރުވީ ނޮވެމްބަރު 30، 2022 ގަ އެވެ. އޭނާގެ އުމުރުން އޭރު 28 އަހަރެވެ.

ޔޫރީގެ ދައްތަ ސްވިޓްލާނާ ބުނީ އޭނާގެ ކޮއްކޮގެ ޖަލު ހުކުމާއި ވާގްނާއާއެކު ހިދުމަތް ކުރުމާއި އުފަން ގައުމާ ދެކޮޅަށް ވާގްނާ ކުރި ހަނގުރާމައިގައި މަރުވިކަން އެނގުނީ މީޑިއާ އިން ކަމަށެވެ.