ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ގޮތް ކަށަވަރުވުމުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ޕީއެންސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް އަރައިފިއެވެ.
މިރޭ ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ދެ ޕާޓީ އޮތީ މުއިއްޒު ފަހަތުގައި ބަދަހިކޮށް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އެ މަސައްކަތް މިރޭ ފަށާފައިވާ ކަން އިއުލާން ކުރައްވަމުން އަދުރޭ އިތުރަށް ވިދާޅުވީ، ހިޔާލުތަފާތުވުން ނެތް ކަމަށާއި މިއަދު ލީޑާޝިޕްގެ ހުރިހާ ބޭފުޅުން އެތަނުގައި [ޕްރެސްގައި] ތިއްބެވުމުން ސާފުވާ ކަމަށެވެ.
ސެނެޓުގައި ހިޔާލު ތަފާތު ވުމަކީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީ އޮތް ވަރު ހާމަވާ ކަމެއް ކަމަށާއި އެކަމުން ޕާޓީ ބައިބައިވެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޔާމީން ހުށަހެޅުއްވި ގޮތާ ހިލާފަށް އިންތިހާބުގައި ވާދަކުރަން ސެނެޓުގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ އެމަނިކުފާނުގެ ހައްގުގައި ކަަމަށް ވެސް އަދުރޭ ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން ޔާމީން ވަނީ ރިޔާސީ އިންތިހާބަށް ޕްލޭން އޭ އާއި ބީ އަދި ސީ އެއް ހަމަޖައްސަވާފައި ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓެއް ނުނެރެވުމުން ދެން ޕްލޭން ސީއާއެކު ކުރިއަށް ވަޑައިގަތުމަށް ނިންމެވީ ޕީޕީއެމް މަގުމަތި ނުކުރުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ޖަލު ހުކުމާ ހެދި ޔާމީންގެ ޝަރުތު ގެއްލި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ގޮތް މެދުވެރިވުމުން ޔާމީން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ޕީޕީއެމްގެ ސެނެޓުން އިންތިހާބުގައި ވާދަކުރަން ނިންމުމުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ.
އެ ހިޔާލު ތަފާތުވުން އޮތް ނަމަވެސް ޕީއެންސީގެ ފަރާތުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމައި އީސީއަށް ފޯމް ހުށަހަޅުއްވާފައެވެ.