ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިސްތިއުނާފް ޝަރީއަތް ލަސްވާތީ އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ހައި ކޯޓަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ހައި ކޯޓުން މިހާރު ބުނެފައިވާ ކަމަށެވެ. އަދި މިހާރު މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު އެ މައްސަލަ ލަސްތަކެއް ނުވެ އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔާމިންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިފައިވާ ކަން ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި ޔާމީނަށް ބައިވެރިވެ ވަޑައިނުގެންނެވޭ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ދަށު ކޯޓުން ކުރި ހުކުމްގައި ވެއެވެ.

އެ މުއްދަތު މިދިޔަ ޖޫން މަހަށް ހަމަވެފައި ވާއިރު ޔާމީން އެފައިސާ ދައްކަވާފައެއް ނުވެއެވެ. އަދި އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދަން ބަންޑާރަ ނައިބު އޮފީހުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެއާއެކު ޔާމިންގެ ފަރާތްޕުޅުން ވަނީ، 5 މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް ހައިކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ޔާމިންގެ މި އެދުމަށް އެ ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.