ޔޫކްރައިން ހަނގުރާމަ ހުއްޓާލެވިދާނެ ޕްލޭނަކާ ގުޅޭ މަހާސިންތާއެއް ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާފައި ވާ އިރު އެ މަހާސިންތާއަށް ފަހު ޗައިނާއިން ވަނީ، ވަކި އަތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަށް ރަޝިއާ އަށް ދީފައެވެ.

ޗައިނާގެ އާ ފޮރިން މިނިސްޓަރި ވޭންގް ޔީ، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އަށް ގުޅުއްވާ ވިދާޅުވީ، ޗައިނާއިން ސައުދީ ސަމިޓުގައި ބައިވެރިވި ނަމަވެސް، ޗައިނާގެ ސިޔާސަތަކީ ވަކި އަތަކަށް ނުޖެހުން ކަމަށާއި ޗައިނާ އާއި ރަޝިއާ އަކީ އެއްފަރާތުން އަނެއް ފަރާތަށް އިތުބާރު ކުރެވޭ ރަނގަޅު ރަހުމަތްތެރިން ކަމަށެވެ.

ވޭންގް އިތުރަށް ވިދާޅުވީ، ޗައިނާ އަކީ ސުލްހައިގެ ވާހަކަތައް ޕްރޮމޯޓު ކުރުމަށް އިސްކަން ދޭ ގައުމެއް ކަމަށާއި ޔޫކްރައިން މައްސަލައަށް ސިޔާސީ ހައްލެއް ހޯދަން ބޭނުންވާ ގައުމެއް ކަމަށެވެ. އެހެން ކަމުން ޔޫކްރައިން މައްސަލައިގައި ޗައިނާއިން ދަމަހައްޓާނެ ސިޔާސަތަކީ ވަކި އަތަކަށް ނުޖެހުން ކަމަށެވެ.

ސައުދީން އިސްނަގައިގެން ޖިއްދާގައި ބޭއްވި މަހާސިންތާގައި ޔޫކްރައިންގެ އިތުރުން އެމެރިކާ، އިންގިރޭސިވިލާތް، ޖަރުމަން އަދި އިންޑިއާ ހިމެނޭހެން 40 ގައުމެއްގެ އިސް ޑިޕްލޮމޭޓުން ވަނީ ބައިވެރިވެފައެވެ. 18 މަސްވެގެން ގޮސްފައި ވާ ޔޫކްރައިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބޭއްވި މި މަހާސިންތާގައި މެދުއިރުމަތީގެ ގައުމުތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޔޫކްރައިން ހަނގުރާމައިގައި ފާޅުގައި ޔޫކްރައިނަށް އެހީ ނުވާ ގައުމުތަކުގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތައް ހިނެނޭ އިރު ސައުދީން އިސްނެގި މި މަހާސިންތާގެ ބޭނުމަކީ، ޔޫކްރައިނުން ހުށަހަޅާ ސުލްހައިގެ ޕްލޭނަށް މަޝްވަރާ ކުރުމެވެ.

މި މަހާސިންތާ ނިންމާލި އިރު، ގައުމުތަކުން އެއްބަސް ވީ ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މަޝްވަރާތައް މުހިންމު ކަން ފާހަގަ ކޮށް މެދުމިންގަނޑެއްގެ ހައްލެއް ހޯދުމަށެވެ.

ޗައިނާގެ ސިޔާސަތަށް ލަވްރޯވް ތާއީދު ކުރެއްވި އިރު، އެ މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ޔޫކްރައިންގެ ހާރިޖީ ވަޒީރު ވިދާޅުވީ، މަހާސިންތާގައި ޗައިނާ ބައިވެރިވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، ޗައިނާ އަކީ، ރަޝިއާގެ ގާތް އެކުވެރިއަކަށް ވާއިރު ސުލްހައިގެ މޭޒަށް ރަޝިއާ ގެނައުމަށް ޗައިނާ އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އަކީ، ދުނިޔެ އިސްތިއުމާރު ކުރުމަށް ހުޅަނގުން ކުރާ މަސައްކަތްތަކާއި ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވައި އަދި ދުނިޔެއަށް ހަންފެތުރުމަށް ހުޅަނގުން ކުރާ މަަސައްކަތާ ދެކޮޅު ދެބޭފުޅުންނެވެ.

ޖިއްދާ މަހާސިންތާއަށް ޔޫކްރައިން އިން ހުށަހެޅި ސުލްހައިގެ ޕްލޭންގައި ރަޝިއާއިން ހިފި ބިންތަކުން އެއްވެސް އުޒުރެއް ނެތި ފޭބުމަށް ޝަތުރުކޮށްފައި ވެއެވެ. އަދި ދެފަރާތުގެ ދެމެދުގައި ސުލްހަ ގާއިމުވެގެން ދާނީ އެމަގަށް ކަންކަން ކުރެވިގެން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މިއީ ރަޝިއާ ގަބޫލުކުރާ ހަމައެއް ނޫނެވެ. ރަޝިއާއިން ބުނަމުން ދަނީ، އެގައުމުން ހިފި ބިންތަކަކީ ރަޝިއާގެ ތަންތަން ކަމުގައި ގަބޫލު ނުކުރަނީސް ސުލްހައިގެ ވާހަކަތަކަށް ނުދާނެ ކަމަށެވެ.