ދ. ކުޑަހުވަދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ދަތުރުފުޅާ ދިމާކޮށް ޝުއޫރުފާޅު ކުރަމުން ދަނިކޮށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފް ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކުރީ އެމްޑީޕީގެ ޖަލްސާ ހިނގަމުން ދަނިކޮށް އެ ސަރަހައްދާ މާ ދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ޓެރަސް މައްޗަށް ހޮޅިދަނޑިއަކަށް ނަގާފައި ހުރި ތާލަފިއްޔެ ބޭނުން ކޮށްގެން ސަރުކާރަށް ފާޑުކިޔާ ޝުއޫރުފާޅު ކުރަމުން ދަނިކޮށެވެ.

މައުރޫފް ޓެރަސްގައި ޝުއޫރުފާޅު ކުރަނީ

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޑިމޮކްރެޓްސްއިން ބުނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކުރެއްމަށް ވައުދުވެވަޑައިގެން ކަމަށެވެ. އެހެންނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުންހެން ރައްޔިތުން ނުކުމެ އިހުތިޖާޖުކޮށް މި ވެރިކަމާމެދު ނުރުހުން ފާޅުކުރަމުންދާ ދިއުން ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ގެންދަވަނީ ހުއްޓުވަމުން ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.

މައުރޫފް ހަމްދާ އާ އެކު

ޑިމޮކްރެޓްސްއިން ބުނީ އެންމެ ފަހުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް ސޯލިހު ހަތްކޮޅުގައި އަރައިވަޑައިގަތީ ރަޔަޓުގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ލައްވާ ރައްޔިތުންގެ އޮބަހައްޓައިގެން ކަމަށާއި މިރޭ ކުޑަހުވަދޫއިން ވެސް ފެނުނީ އެ މަންޒަރު ކަމަށެވެ.

މިހާރު ޑިމޮކްރެޓްސްގެ ގާނޫނީ ވަކީލުންގެ ޓީމުން މައުރޫފަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުގައި ތާއީދު ނެތް ސަރުކާރާ ދެކޮޅަށް ސުލްހަވެރި ގޮތުގައި އަޑުއުފުލަމުންދާ ރައްޔިތުން ހައްޔަރު ކުރުންފަދަ އަނިޔާވެރި، ހުދުމުހުތާރު އަމަލުތައް މިހިނދުން ހުއްޓާލުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

އިދިކޮޅުގެ މައި ޕާޓީ، ޕީޕީއެމްގެ ސަޕޯޓަރުންވެސް ކުޑަހުވަދޫގައި އިހުތިޖާޖު ކޮށްފައި ވާއިރު މީގެ ކުރިން ފުވައްމުލަކަށް ރައީސް ސޯލިހު ވަޑައިގެން ދުވަހު އިދިކޮޅުގެ ސަޕޯޓަރުން ކުރި އިހުތިޖާޖުގެ ތެރެއިން ދެ މީހަކު ހައްޔަރުކުރިއެވެ. އަދި އެ ދުވަހު އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާ، ޕީޕީއެމްގެ ސަޕޯޓަރުން ބޭނުން ކުރަމުން ދިޔަ ވެހިކަލާއި ލައުޑް ސްޕީކަރުތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.