އަންނަ މަހު ބާއްވާ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީި ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިއަދު ހެނދުނު ކުރީކޮޅު އިލެކްޝަންސް އަށް ފޯމު ހުށަހެޅުއްވި މުއިއްޒުގެ ކެންޑިޑެސީ ފޯމާއި އޭނާގެ ފަހުން ހުށަހެޅުއްވި ގާސިމްގެ ކެންޑިޑެސީ ފޯމު ބަލައިގެންފައިވާ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ހާމަކުރައްވައިފައެވެ.

ވަކިވަކިން ކުރެއްވި ދެ ޓްވީޓެއްގައި ހަބީބު ވިދާޅުވީ، މުއިއްޒާއި ގާސިމްގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލައި ފާސްކުރިއިރު، ދެ ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތުތައް ފުރިހަމަ ކަމަށެވެ.

މީގެ އިތުރުން، އިންތިހާބުގައި ވާދަކުރެއްވުމަށް "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ހުށަހެޅުއްވި ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ޝަރުތުތައް ހަމަވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ނިންމައިފައެވެ.

މުއިއްޒާއި ގާސިމްގެ އިތުރުން ވެސް ތިން ބޭފުޅަކު އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު ހުށަހެޅުއްވިއެވެ. އެ ބޭފުޅުންނަކީ:

  • ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން

މި ތިން ބޭފުޅުން ވެސް ކުރިމަތިލައްވާފައި ވަނީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ބޭފުޅުންގެ ގޮތުގައެވެ. މި ތިން ބޭފުޅުންގެ ލިޔެކިއުންތަކާއި ޝަރުތުތައް ފުރިހަމަތޯ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

މައި އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ބަލައިގެންފައި ނުވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން ހުށަހެޅުއްވި ފޯމެވެ. އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ނިންމީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މިދިޔަ މަހުގެ 23 ގައި ހުޅުވާލި ފުރުސަތު މިހާރު ވަނީ މިއަދު މެންދުރުފަހު 2 އަށް ހަމަވެފައެވެ. ބެލެވޭ ގޮތުގައި މި އިންތިހާބުގައި އަށް ބޭފުޅަކު ވާދަކުރައްވާނެއެވެ. އެހެންކަމުން މިއީ 2008 ވަނަ އަހަރަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަށް ވުން އެކަށީގެންވެއެވެ.