މިއަދު މެންދުރުފަހު 2:00 އަށް ފޯމް ހުށަހަޅުމުގެ މުއްދަތު ހަމަވާއިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން މީގެ ކުރިން އިއުލާން ކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު ރިޔާސީ ރޭހުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ.

ގައުމު ސަލާމަތްކޮށް ގެއްލިގެންދާ މިނިވަންކަން ހިމާޔަތް ކުރެއްވުމަށް ކަމަށް ވިދާޅުވެ، އަމިއްލަ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޑރ. މުނައްވަރު އިއުލާން ކުރައްވާފައި ވަނީ މިދިޔަ މާޗް މަހު ތެރޭގައެވެ.

ނަމަވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ވާދަ ނުކުރައްވާނެ ކަން އިއުލާން ކުރައްވާފައިވީ ނަމަވެސް ވާދަ ނުކުރައްވާ ވަކި ސަބަބެއް ހާމަ ކުރައްވާފައި ނުވެއެވެ.

މުނައްވަރު ވަނީ އީސީއަށް ފޯމް ހުށަހެޅުށްޓަކައި ހަމަ ކުރަންޖެހޭ 1500 ސޮއި ވެސް ހަމަކުރައްވާފައި ކަމަށް މީގެ ކުރިން އަޑުތައް ފެތުރުނެވެ. މިއަދަކީ ފޯމް ހުށަހެޅުމަށް އެންމެ ފަހު ދުވަސް ކަމަށް ވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާޙިމް އެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައި ވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުއެވެ. އަދި ގާސިމްގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމް ވަނީ ހަމަޖައްސާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫންގެ ރަނިން މޭޓަކަށް ޑރ. އަބްދުއް ސައްތާރު ޔޫސުފްގެ ނަން އިއުލާން ކުރައްވާފައި ވާއިރު އުމަރު ނަސީރުގެ ރަނިންމޭޓެއް އަދި އިއުލާނެއް ނުކުރައްވައެވެ.