ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ރުހިވަޑައިގެންފި ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވެތީ، ޕީޕީއެމް އާއި ޕީއެންސީން އިންތިހާބު ބޮއިކޮޓު ކުރަން ބާރު އަޅުވައްމުން ގެންދަވަމުން ގޮސް އެންމެ ފަހުން މިއަދު ޑރ. މުއިއްޒަށް ރުހިވަޑައިގެންފި ކަމަށް ޔާމީން އަންގަވައިފިއެވެ.

މިއަދު ހެނދުނު ޕީއެންސީގެ ކެންޑިޑޭޓް އިންތިހާބީ ފޯމް ހުށަހަޅުއްވަން ދަރުވާރުގޭގައި އިންނަވަނިކޮށް، އެޕާޓީގެ ރައީސަށް ޔާމީންގެ ފަރާތްޕުޅުން ގުޅުއްވައި މުއިއްޒު "އޯކޭ" ކަމަށް ވިދާޅުވެއެވެ. އެ ފޯން ކޯލަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ އުފާވެރި ހަބަރު މުއިއްޒާއި ރަނިން މޭޓު ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އަރިހުގައި ވިދާޅުވެފައެވެ.

މިއާއެކު އެބޭފުޅުންގެ މޫނުން އުފާވެރިކަން ފާޅުވެގެން ދިޔަ އިރު، އެ ނިންމެވުމަކީ މިވަގުތާ ހަމައަށް އިދިކޮޅަށް އޮތް ވަރަށް ބޯޑު ނުތަނަވަސްކަމެކެވެ.

ޔާމީން ބޭނުންފުޅުވީ އެމަނިކުފާނަށް ވާދަ ނުކުރެއްވޭތީ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީން އިންތިހާބުގައި ބައިވެރި ނުވުމަށެވެ. އަންނަ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއެކު ބޮއިކޮޓު ކުރެއްވުމަށް ޔާމީން އިރުޝާދު ދެއްވާ ޖަލަށް ވަޑައިގެން ދެންވެސް މަަސައްކަތްޕުޅު ކުރެއްވީ، ބޮއިކޮޓު ކުރެއްވުމަށެވެ.

އެއާއެކު އިއްޔެ ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމެއް ބާއްވައި ބޮއިކޮޓް ކުރުމާ މެދު ހޫނު ބަހުސްތައް ހިނގާ، ޒުވާބުކޮށް އެއްމެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި ހިސާބަށްވެސް ދިޔައެވެ. އެންމެ ފަހުން ފުލުހުން ޕީޕީއެމްގެ އޮފީހަށް ވަދެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޖެހުނު އިރު، ބޭއްވި ސެނެޓުން ނިންމީ، އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ. އެއާއެކުވެސް ޔާމީން ބޭނުންފުޅު ވީ ބޮއިކޮޓު ކުރާށެވެ.

ޔާމީން ގޮތް ދޫނުކުރައްވައި ލިޑާޝިޕަށް ދެއްވާ އިރުޝާދާ ގުޅިގެން ރޭ ވަނީ ލިޑާޝިޕްގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ނިންމީ، ބޮއިކޮޓު ނުކޮށް ޔާމީނާ އިތުރަށް ވާހަކަ ދެއްކެވުމަށެވެ.

ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި ޢާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވައިފި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވިން.
ޕީޕީއެމް

އެންމެ ފަހުން މިއަދު ފޯމް ހުށަހެޅުއްވުމަށް މުއިއްޒު އިލެކްޝަން ކޮމިޝަނަށް ވަޑައިގެން އިންނަވަނިކޮށް ޔާމީން "އޯކޭ" ވުމާއެކު އިދިކޮޅު މެންބަރުގެ މެދުގައި އޮތް ނުތަނަވަސްކަން ނިމިގެން ދާނެ ކަމަށް ބެލެވެއެވެ.

ޑރ. މުއިއްޒަކީ ކުރިން ޕީޕީއެމްގެ ނައިބު ރައީސް އެވެ. އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމަށް ޔާމީން އިރުޝާދު ދެއްވުމުން ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަނިން މޭޓަކަށް ސެމްބެ ނެންގެވީވެސް ޔާމީންގެ އިރުޝާދާ އެއްގޮތަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ސެމްބެ އަކީ ޔާމީންގެ ވަރަށް ގާތް ޒުވާން ލީޑަރެކެވެ.