ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމުން ބޮއިކޮޓްކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި ލަފާ އެ ޕާޓީގެ ސެނެޓުން މިއަދު ބޭރުކޮށްލި ނަމަވެސް، އެ ނިންމުން ގަބޫލު ނުކުރައްވައި، އިންތިހާބު ބޮއިކޮޓްކުރުމަށް ދެވަނަ ފަހަރަށް ޔާމީން އަންގަވައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޕީއެންސީގެ ރައީސް އަބްދުއްރަހީމް މެދުވެރިކުރައްވައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ވަކިވަކި މެންބަރުންނަށް، ދެ ޕާޓީން ކުރެ ޕާޓީއަކުން އިންތިހާބުގައި ވާދަނުކުރުމަށް އަންގަވައި މެސެޖެއް ފޮނުއްވާފައި ވެއެވެ. އެކަމާ ގުޅިގެން މިރޭ ލީޑާޝިޕްގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

އެނގިފައިވާ ގޮތުގައި މިރޭގެ ބައްދަލުވުމުގައި ވެސް ނިންމާފައި ވަނީ ޔާމީނާ ދެވަނަ ފަހަރަށް ވާހަކަ ދައްކައިގެން މިކަމާ މެދު ގޮތެއް ނިންމުމަށެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ސުޕްރީމް ކޯޓަށް ޕީޕީއެމުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ނިމި، ކޯޓުން ވަނީ އިއްޔެ އެންމެ ފަހުގެ ނިންމުން ނިންމައިފައެވެ. މިގޮތުން އެންމެ މަތީ ކޯޓުން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދެމެހެއްޓުމަށެވެ.

އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން ލަފާދެއްވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕީޕީއެމާ ގުޅިފައިވާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރައްވަން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވާފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅުއްވާނެއެވެ.