އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލައްވަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މީގެ ކުރިން އެމްއެމްއާރްއެމުން ވާދަކުރަން ނިންމައި އެ ޕާޓީން ޕްރައިމަރީއަވެސް ވަނީ ހުޅުވާލާފައެވެ. އެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާފައި ވަނީ ފާރިސް އެކަންޏެވެ. ނަމަވެސް މިއަދު ފާރިސް ވަނީ އޭނާ އަމިއްލަ ގޮތަށް އިންތިހާބުގައި ވާދަކުރަން ނިންމާވާފައިވާ ކަމަށް ވިދާޅުވެފައެވެ. ފާރިސް ވިދާޅުވީ، ދިވެހި ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގައި މާތް ﷲގެ ވާގިފުޅާއެކު މި އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

މި ސަރުކާރާއެކު ކޯލިޝަނުގައި އޮތް އެމްއާރްއެމުން އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް އެމްއާރްއެމް އާއި އެމްޑިޕީއާއެކު މަޝްވަރާތައް ކުރުމަށް ފަހު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކޯލިޝަނާ އެކު މަސައްކަތް ނުކުރާނެ ކަން އެމްއެމްއާރްއެމުން ހާމަކޮށްފައެވެ. ސަބަބެއްގެ ގޮތުގައި އެ ޕާޓީން ބުނީ، އެމްޑީޕީން ހުށަހެޅި ހުށަހެޅުންތަކާ މެދު ޕާޓީގެ އެކްސްކޯ އާ އެކު މަޝްވަރާކޮށް، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭތީ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތަކުން މިހާރު އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހަޅަމުންނެވެ. އެ ގޮތުން މިހާތަނަށް ކެންޑިޑެސީ ފޯމް ހުށަހަޅާފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.