ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމަށް ތައްޔާރަށް ހުންނެވިކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހާމަކުރައްވައިފިއެވެ.

މިއަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އީސީއިން ކަނޑައެޅުމާ ގުޅިގެން އެ މައްސަލަ ސްޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވި ނަމަވެސް އެމަނިކުފާނާ ދެކޮޅަށް މިއަދު އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިއާއެކު ޕީޕީއެމްއިން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި މިއަދަނީ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ރާއްޖޭގެ ސިޔާސީ ލީޑަރުގެ އިންތިހާބީ ހައްގު ނިގުޅައިގަނެވިގެން ދިޔަ ދުވަސް ކަމަށެވެ. އަދި މިއަދު ފެނިގެން ދިޔައީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ލަސްކުރަމުން ދިއުމުގެ ސަބަބުން އެމަނިކުފާނުގެ އަސާސީ ހައްގެއް ގެއްލުނުތަން ކަމަށާއި ރައީސް ޔާމީނަށް ސަޕޯޓުކުރާ އެތަކެއް ހާސް ރައްޔިތުންގެ ހައްގުވެސް ގެއްލިގެން ދިޔަ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

މިހެން ދިމާވީ ޖުޑީޝަން ސިސްޓަމްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުން ދާތީ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށާއި އެހެންނޫންނަމަ ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ އެހާ ބޮޑަށް ލަސްވަމުން ދިޔަދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަދުލު އިންސާފު ގާއިމު ނުކުރެވޭ ތަނެއްގައި ސުލްހަ އާއި މަސްލަހަތެއް ގާއިމެއް ނުކުރެވޭނެ ކަމަށާއި އުފާވެރި މުޖުތަމައުއެއްވެސް ގާއިމެއް ނުކުރެވޭނެ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ކުށުގެ ރިކޯޑް ސާފުކުރައްވަން އިއްޔެ ހުށަހަޅުއްވާފައި ވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ ކުށުގެ ރިކޯޑް ސާފުކުރައްވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގެންނެވުމަށް ކަމަށެވެ. އެހެންނަމަވެސް ވަހީދު ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓުގެ ގޮތުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ޑރ. ވަހީދު ވަނީ ރައީސް ނަޝީދު މަގާމުން އިިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވި ނަމަވެސް ޑރ. ވަހީދަށް ވަނީ ނާކާމިޔާބު ވެފައެވެ.