ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ. މި އެވޯޑަކީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.

މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިން ގެ އެންމެ ހާއްސަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހިރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ މުހައްމަދު ވަހީދު ހަސަނެވެ.

މި ހަފުލާގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސްގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައެވެ.

"ރީޑިފައިނިން ޓުއަރިޒަމް އިން އަ ޗޭންޖިން ވާލްޑް،" މި ޝިއާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިން އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާއަތުގެ މުސްތަގްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރެއްވުމެކެވެ.

ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.