ކުޑަކުދިންގެ ވިޔަފާރި ކޮށް އެކުދިންގެ ފަރަތުން ޖިންސީ ޣަރީޒާ ފުއްދަމުން ދިޔަ ބިލިއަނަރު ޖެފްރީ އެޕްސްޓީން ފައިލްސް ގައި ޑރ. ވަހީދުގެ ނަން 244 ފަހަރު ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގެ ކުރީގެ ނައިބުރައީސް އަދި ފަހުން ރައީސް މުހައްމަދު ނަޝީދު (އަންނި) ގެ ވެރިކަން ވެއްޓުމާއެކު ރައީސަކަށް ވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން، އެޕްސްޓީން ފައިލްސް ގައި ފާހަގަ ކޮށްފައި ވަނީ، ބައެއް ފަހަރު 'ވަހީދު'، އަނެއްބައި ފަހަރު، 'މުހައްމަދު ވަހީދު ހަސަން'، އަދި އަނެއްބައި ފަހަރު 'ޑރ. ވަހީދު' ގެ ގޮތުގައެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުކޮށް އެއްވާހަކަތަކެއް ދައްކާފައި ހުރި އެތައް ފައިލެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓުމަންޓުން އާންމު ކުރި ލިޔެކިޔުންތަކުގައި އެބަހުއްޓެވެ.
ދުނިޔޭގެ އެތައް ގައުމެއްގެ ގިނަ އަދަދެއްގެ ވެރިންނާއި، ބިލިއަނަރުންނާއި، ފިލްމްސްޓާރުން އަދި ސެލެބްރިޓީންނާއި، ނުފޫޒުގަދަ އެތައް ބަޔަކު އޭނާގެ މުށުތެރޭގައި ގެންގުޅުނު ޖެފެރީ އެޕްސްޓީން އާއި ޑރ. ވަހީދު ބައްދަލު ކުރައްވާފައި ވާ ބައެއް ހާލަތްތަކުގެ ވާހަކަވެސް އެޕްސްޓީން ފައިލްސްގައި ވެއެވެ.
އެގޮތުން، ޕްރައިވެޓް ޑިނާ ތަކައި އެ ޑިނާތަކުގައި 'ހުރިހާ އެއްޗެއްވެސް ފަރީއްކުޅުވައި އަދި ހިއްޕެވޭނެ' ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމާއި، އެފަދަ އެއް ޑިނާއެއްގައި ބްލޫމްބާގްފެ މޭޔަރުގެ އަރިސް އަދި ގޮތް ނޭނގޭ އިންވެސްޓް ފާމެއް ހިންގާ އިނގިރޭސި ރައްޔިތެއް ކަމަށް ވާ އިއާން އޮސްބޯން އާ ބައްދަލު ކުރައްވާ ވާހަކަ ފާހަގަ ކޮށްލެވެއެވެ.
އަދި އެޕްސްޓީން އަށް ކޮށްދޭ ކަމެއްގެ ގޮތުގައި އޮސްބޯން 'އެކަމެއް' ކޮށްދޭނެ ކަމަށާއި ވަހީދު ބޭނުންފުޅުވާނަމަ އޭނާ އެތަނަށް ދާނެ ކަމަށް ވެސް އެޕްސްޓީން ބުނެއެވެ. އޭނާ އެބުނާ 'އެކަމަކީ' ކޮބައިކަމެއް ލީކްވެފައިވާ ލިޔެކިޔުންތަކުން ސާފެއް ނުވެއެވެ.
ޑރ. ވަހީދު ރައްޖޭގެ ނައިބުރައީސަކަށް ހުންނެވި އިރުވެސް އެޕްސްޓީން އާ ބައްދަލު ކުރައްވައި، އޭނާގެ ހުރި ސިފައަކަށް ތައުރީފް ކުރައްވައި އަނބިކަނބަލުންނާއެކު ހުންނެވުމުން އެޕްސްޓީންގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގަންނަވައެވެ. އަދި ރާއްޖެއަށް އައުމަށް އެޕްސްޓީނަށް ދައުވަތު ދެއްވައި ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ވަހީދު އޭނާއަށް ހުށަހެޅުއްވި ހިޔާލަށް ވިސްނުމަށް އެދިވަޑައިގަންނަވައެވެ. އޭގެ ފަހުން އެޕްސްޓީން ޕެރިހަށް ދާ ކަމަށާއި، ވަހީދު ބޭނުންފުޅު ނަމަ ޕެރިހުގައި 'ދެވެރިން މަޖާކުރައްވާނެ ކަމަށް' ބުނެފައި ވެއެވެ.
އިތުރު ޗެޓްލޮގެއްގައި 2012 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕެއިނަށް އެޕްސްޓީންގެ ފަރާތުން މީހަކު ހޯދައިދޭން އެދިވަޑައިގެން ވަހީދު ވާހަކަ ދައްކަވާފައި ވެއެވެ. އަދި އެމީހަކު ހަމަޖެހިފައި ހުރި ކަމަށް އެޕްސްޓީން ބުނުމުން، އެއަހަރުގެ ނޮވެމްބަރުގައި އެމީހަކު ރާއްޖެއަށް ފޮނުވައިދީ ހާލަތު ވަޒަންކޮށް ލަފާދިނުމަށް ވަހީދު އެދިވަޑައިގަންނަވައެވެ.
އިތުރު ޗެޓެއްގައި ވަހީދު އެޕްސްޓީންގެ ކިބައިން އެދިވަޑައިގަންނަވަނީ، ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ 2 އޮފިޝަލަކު ރާއްޖެ ފޮނުވައިދީ ދިވެހި ފުލުހުންނާއެކު މަސައްކަތް ކޮށް ގޭންގްތަކާއި ކުށް މަދުކުރުމުގެ އިސްތިރާޖީ ސިޔާސަތެއް އެކުލަވާލަ ދިނުމަށެވެ. އެ ޗެޓްގައި ވަހީދު ވިދާޅުވީ، މި އަހަރު (2012) ގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި 7 މަރެއް ހިނގާފައި ވާ ކަމަށާއި އެއީ އެހާތަނަށް އެންމެ މަތީ އަދަދު ކަމަށެވެ.
ދެން ދައްކަވަނީ، ބްލޫމްބާގް ހަދައިގެން އުޅޭ ފައުންޑޭޝަނަކުން އެހީވެދެވިދާނެ ކަމަށް އިއާން އޮސްބޯން ބުނާ ކަމަށް ވަހީދު އެޕްސްޓީނަށް ދަންނަވާ ވާހަކައެކެވެ. އޭގެ މުގާބިލުގައި އެޕްސްޓީން ބުނަނީ، ރައީސް ނަޝީދުގެ ރަހުމަތްތެރިޔާ ވާޖިން އައިލޭންޑްސް ލައްވާ ފަންޑު ކުރުވާނެ ކަމަށެވެ.
ދެން ވަހީދު ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ހަބަރެއް ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ފޮނުވައި ދިނުމަށެވެ. ޖަވާބުގައި ގުޅޭނެ ފަރާތެއްގެ ނަންބަރު ދިނުމަށް އެޕްސްޓީން އެހުމުން ވަހީދު ދެއްވަނީ މައްސޫދު އިމާދުގެ ނަންބަރާއި އީމެއިލް އެޑްރެހެވެ.
މާޗް 26، 2013 ގައި ޖޭމްސް ޕީ.މެގީ ކިޔާ މީހަކާއި ވަހީދުއާ ދެމެދު ކުރެވިފައިވާ މުއާމަލާތަކަށް ބަލާއިރު، ދައްކަވާފައި ވަނީ ރާއްޖޭގެ ހާލަތު ދެނެގަތުމަށް ކުރާ ސާވޭއެއްގެ ވާހަކަ އާއި ހާއްސަކޮށް ރައީސް ނަޝީދާއި ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައެވެ.
ވަހީދު، އެޕްރީލް 21، 2014 ގައި އެޕްސްޓީނަށް ލިޔުއްވި މެއިލް އެއްގައި ވެއެވެ.
"ޖެފެރީއެވެ. އަހަރެން 18 ގައި ފުރަން ގަސްދު ކުރި ނަމަވެސް 20 އާ ހަމައަށް މަޑުކުރާނަމެވެ. އެހެންވީމައި 19 ގައި ކަލެއާ ބައްދަލުވާން އުއްމީދު ކުރަމެވެ. އެޑްރެސް ހަނދާން ނެތިއްޖެއެވެ. އަހަރެން މިހާރު މި ބަލަނީ ދެ ރޮނގަކުން މަސައްކަތް ކުރާށެވެ. އެއް ރޮނގަކީ ވިޔަފާރިއެވެ. އަހަރެން ޗައިނާ އަދި ހޮންކޮންގަށް ނިސްބަތްވާ އިންވެސްޓަރުންނާއެކު މަސައްކަތް ކުރަމެވެ.
ދެވަނަ ކަމަކަށް މިބަލަނީ، އދ ގައި ހާއްސަ މަސައްކަތެއް (ސުލްހަ ގާއިމު ކުރުމުގެ މަސައްކަތް) ކުރާށެވެ. އަހަރެން ސެކްރެޓަރީ ޖެނެރަލްގެ އޮފީހާ ވާހަކަ ދައްކާނަމެވެ. ކަލެއާ ބައްދަލުކުރަން އަންނަ އިރު އަހަރެންގެ ދަރިފުޅު ޖެފް ގެނަޔަސް އެންމެ ރަނގަޅު ހެއްޔެވެ؟ އޭނާ އަކީ މިހާރު އދ އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުވެސް މެއެވެ."
ދެން އޭގެ ފަހުން ވަހީދު ލިޔުއްވަނީ މާގިނައަކުން ޓްރެވަލް ކުރައްވާ ވާހަކައެވެ. އެގޮތުން، ހޮންކޮންގް، ސިންގަޕޫރު، މެލޭޝިއާ، ކެމްބޯޑިއާ އަދި ޗައިނާއަށް ގިނައިން ވަޑައިގަންނަވާ ކަމަށް ވިދާޅުވެއެވެ.
އިތުރު ލިޔުމެއްގައި 2012-2013 ގެ ތެރޭގައި ވަހީދުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގެންދާނެ ގޮތުގެ ސްޓެރެޓަޖީއެއް އެކުލަވާލައި ހިއްސާކޮށްފައި ވާ ކަރުދާހެއްވެސް އޮވެއެވެ. އަދި އެކަމުގައި އެއްބަސްވުމެއް ގާއިމު ކުރުމަށް ފަރުމާކޮށްފައި ވާ އެމްއޯޔޫއެއްވެސް ވެއެވެ.
ކުޑަކުދިންނާ ބެހި، ވިޔަފާރިކޮށް އެތައް ޖަރީމާއެއް ހިންގި އެޕްސްޓީނާއި ވަހީދު ބައްދަލު ކުރައްވަމުން ގެންދެވި އިރު، ކުރައްވާފައި ވަ އިތުރު މުއާމަލާތްތަކަށް ބަލާއިރު، ރާއްޖޭގައި ޕްރިވެޓް އައިލޭންޑެއް ހަދަން މަސައްކަތް ކުރުމާއި، ދިވެހި ދައުލަތުގެ ސިއްކަ ޖެހި ލިޔުން (ވަހީދުގެ ދަތުރު ތާވަލެއް) ހިއްސާކޮށްފައި ވާކަންވެސް އެނގެއެވެ.
ވަހީދުއާއި އެޕްސްޓީން އާ ދެމެދު މިހާގިނަ މުއާމަލާތް ކުރެވިފައިވާކަން ހާމަވެފައި ވާއިރު، މި ވާހަކަތަކަށް ވަހީދު އަދި ރައްދެއް ދެއްވާފައެއް ނުވެއެވެ.
ވަހީދުގެ ބަހެއް ހޯދުމަށްޓަކައި 'ދަ ޕްރެސް' އިން ގުޅާ އަދި މެސެޖް ކުރި ނަމަވެސް މިހާތަނަށް ރިޕްލައިއެއް ދެއްވާފައި ނުވާތީ މި އާޓިކަލްގައި ވަހީދުގެ ބަހެއް ހިމެނިފައެއް ނުވާނެއެވެ.
