ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރައްވާ ފަހުންވެސް މިހާރު އޮތް ހުކުމް ދަމަހައްޓައިފި ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމެންދެން ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ އެމަނިކުފާނުގެ ނައިބު ރައީސް ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފް ވިދާޅުވެއްޖެއެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އަޑު އެހުންތަކުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޒްމިރަލްޑާ ޒާހިރު ކުރިމަތި ކުރެއްވީ ޔާމީން އަށް ކުރިމަތިލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް މިހާރު އިއްވާފައިވާ ޖަލު ހުކުމް ދަމަހައްޓައިފި ހާލަތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ކިހިނެއްތޯއެވެ.

އެއާއެކު ވަކީލު ހަމްޒާ ވިދާޅުވީ، އެމަނިކުފާނު އިންތިހާބުވެގެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ނިހާއީ ވެއްޖެނަމަ އެ ވަގުތުން ފެށިގެން ރައީސަކަށް ވުމުގެ ޝަރުތު ގެއްލޭ ކަމަށާއި ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް، މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބު ރައީސަކު ހުންނަވާނެ ކަމަށެވެ.

އަދި 109 ވަނަ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށް ވަންދެން ރިޔާސީ ކެންޑިޑޭޓަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގު ފުރިހަމައަށް ކަށަވަރުވާ ކަމަށެވެ. އަދި އިންތިހާބުގެ ހައްގެއް ގެއްލޭ ގޮތަށް ހުކުމެއް މީހެއްގެ މައްޗަށް ސާބިތުވީ ކަމަށް ބެލެވޭނީ، ގާނޫނަކުން އެ ހުކުމް އިތުރަށް އިސްތިއުނާފް ނުކުރެވޭ ހާލަތުގައި ކަމަށާއި އެހެން ނޫނީ އިސްތިއުނާފީ މުއްދަތު ފުރިހަމަ ވުމަށް ފަހު، އިސްތިއުނާފު ނުކުރެވޭ ހާލަތު މެދުވެރިވުމުން ކަމަށްވެސް ހަމްޒާ ވިދާޅުވިއެވެ.

އަދި އެކަން ގާނޫނު އަސާސީގައިވެސް ބަޔާން ކޮށްފައިވާ ކަން ފާހަގަކޮށް ހަމްޒާ ވިދާޅުވީ ގާނޫނުގައިވާ ގޮތުން އެކަން އެގޮތަށް އޮތީ ދައުރު ފެށުމަށް ފަހު ނުވަތަ އޭގެ ކުރިން ވެސް ރައީސްގެ މަގާމު އަދާނުކުރެވޭ ފަދަ ދާއިމީ ސަބަބެއް މެދުވެރިވާ ހާލަތުގައި ގައުމު ދުސްތޫރީ ހުސްކަމަށް ނުދިޔުމަށްޓަކައި ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އޭނާއާ އެކު އިންތިހާބުވި ނައިބު ރައީސަށް ހަވާލު ކުރެވޭ ގޮތަށް އޮތުމުން ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.