ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރި މައްސަލައިގެ އަޑުއެން މާދަމާ މެންދުރުފަހު 2:30 އަށް ސްޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީ ވުމަށް އަންގާފައި ވާއިރު މިއަދު މެންދުރުފަހު 3ގެ ކުރިން ސްޕްރީމް ކޯޓަށް ޖަވާބު ފޯމު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަކީ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން މިނިވަން ވެވަޑައިގަތުމުން މެނުވީ ރައީސް ކަމަށް ވާދައެއް ނުކުރެއްވޭނެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކުރުމަށް އިސްތިއުނާފް މައްސަލައެއް ވެސް ހައިކޯޓަށް ހުށަހަޅައި އެ މައްސަލައިގެ 4 އަޑުއެހުމެއް ބާއްވާފައި ވީނަމަވެސް މައްސަލަ އަދި ނުނިމެއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ. އެ މައްސަލަ ލަސްވަމުން ދިއުމާއެކު، އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މައްސަަލައެއް ވެސް ހުށަހަޅިއެވެ. އެ ހުށަހެޅުން ސުޕްޜީމް ކޯޓުން ބަލައި ނުގަތުމުން ދެން ރައީސް ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައެވެ.
އެ ފޯމާ ގުޅިގެން އީސީން ނިންމީ ރައީސް ޔާމީންގެ ޝަތުރު ހަމަނުވާކަމަށެވެ. އެ ކޮމިޝަނުން އެހެން ބުނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.