ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހާ ހައްޔަރު ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ދަރިފުޅުގެ ފޮޓޯ ޓުވީޓާގައި ބޭނުން ކޮށްގެން އީވާއަށް ބިރު ދައްކާ މައްސަލައެއް ކަމަށާއި އެކަމުގައި ތުހުމަތު ކުރެވޭ މީހަކު ރޭ 10:34 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޓުވީޓާ އެކައުންޓުން އީވާއަށް އަމާޒުކޮށް ގިނަ ޓުވީޓުތަކެއް ކޮށްފައިވާއިރު އޭނާގެ އާއިލާގެ ފޮޓޯތައްވެސް ބޭނުންކޮށްފައި އެބަހުއްޓެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ރަސްމީ ޓްވީޓް އެކައުންޓަށް ޓެކްކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހު އީވާ ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ދުވަހަކުވެސް ރައްދު ދީފައި ނުވާނެ ކަމަށާއި އަދި އެކަން ރިޕޯޓްވެސް ކޮށްފައި ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ދަރިފުޅަށް ފުރައްސާރަ ކުރަމުންދާތީ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދިނުމަށް އީވާ ވަނީ އެދިވަޑައިގެންފައެވެ.