މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުން އެސްޓީއޯގެ ސާފު ފައިދާއަށް 671 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓާގެ ހިސާބުތައް މިއަދު އާންމު ކޮށްފައި ވާއިރު އެސްޓީއޯ އިން ބުނީ މި ކުއާޓާގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށާއި އެގޮތުން މި ކުއާޓާގައި ލިބުނު އާމްދަނީ މީގެ ކުރީ ކުއާޓާއާއި އަޅާ 15 ޕަސެންޓް ދަށްވެފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާގައި 804 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާ ބަލާއިރު 1 ޕަސެންޓް ދަށްވުމެއް ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 428 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިއީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 15 ޕަސެންޓް ދަށްވުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާއަކީ 373 މިލިއަން ރުފިޔާ ކަމަށާއި ޓެކްސްއަށް ކެނޑުމަށް ފަހު މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އަދި މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު 18 ޕަސެންޓްގެ ދަށްވުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން ބުނީ ދެވަނަ ކުއާޓާގައި އޭގެ ކުރީ ކުއާޓާއާއި އަޅާބަލާ، ފައިދާ ދަށްވި ކަމުގައި ވިޔަސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށްވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާއި އަޅާބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށެވެ.