ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ސޯލިހު އެތަންތައް ހުޅުވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ފުވައްމުލަކު ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސް އޮފީހުން ބުނީ ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކަމަށާއި ދިރާސީ އާ އަހަރު ފެށޭއިރު އެ އިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެއް ކަން ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް މި ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްގީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރު ދަނޑުތައް އެޅުމުގެ ގިނަ މަޝްރޫއުތަކެއްވެސް ހިނގާފައިވާ ކަން އެ އޮފީހުން ފާހަގަކުރެއެވެ.