ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހަަޖައްސަން ނިންމާފައި ވާކަން އެނހިއްޖެއެވެ.

އިލްޔާސްގެ ރަނިން މޭޓަަކަށް އީވާ ހަމަޖައްސަން ނިންމާފައި ވާކަން ޑިމޮކްރެޓްސްއިން އަދި ރަސްމީކޮށް އިއުލާނު ކޮށްފައި ނުވިނަމަވެސް ޑިމޮކްރެޓްސްގެ އިސް މެންބަރެއްގެ ފަރާތުން އެކަން ވަނީ އެނގިފައެވެ. އިލްޔާސްގެ ރަނިން މޭޓަކަށް އީވާ ހަމަޖައްސައިިފި ނަމަ އޭނާ ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ކަނޑައަޅާ ފުރަތަމަ އަންހެން ރަނިން މޭޓަށެވެ.

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާ އީވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންނަވާ މިއީ ތިން ވަނަ ދައުރެވެ. އީވާ ވަނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ގެންނެވި ސިޔާސީ އިސްލާހުތައް ގެނެއުމުގައި މުހިންމު ދައުރެއް ވެސް އަދާ ކުރައްވާފައެވެ. މިހާރު އެއީ މަޖިލީހުގެ ނައިބު ރައީސްވެސް މެއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރުމަށްޓަކައި އިލްޔާސް އަށް 10 ޕަސެންޓްގެ ވޯޓު ބޭނުންވި ނަމަވެސް އޭނާ ޑިމޮކްރެޓްސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ވޯޓުގައި ބައިވެރިވި މީހުންގެ 94 ޕަސެންޓު ތާއީދާއެކުއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވަނީ ވޯޓު ލާފައެވެ. އިލްޔާސްއަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް 153 މީހުން ވޯޓު ދީފައި ވެއެވެ. އަދި ބާތިލް 9 ވޯޓު ހިމެނެއެވެ.

އިލްޔާސް ކެމްޕެއިންގައި އިއްޔެ އައްޑު އަށް ވަޑައިގަތުމުން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އޭނާ ހޫނު މަރުހަބާ އެއް ކިޔާފައެވެ. އިލްޔާސަށް ކެމްޕެއިން ކޮށްދެއްވުމަށްޓަކައި، އޭނާ އާ އެކު ޑިމޮކްރެޓްސް އާ ދާދިފަހުން ގުޅިވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އައްޑު އަށް ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރަޓްސް އުފައްދަވާފައި ވަނީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހުއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ. އަދި އިދިކޮޅު ޕީޕީއެމްއިން ނެރެފައިވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް އަބްދުﷲ ޔާމީންއެވެ.

ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.