އެފްރިކާގެ ވެރިންނަށް ދައުވަތު ދެއްވައިގެން ރަޝިއާގެ އެސްޓީ ޕީޓާސްބާގުގައި، ރައީސް ވްލަޑިމިއާ ޕުޓިން ބާއްވަވާ ސަމިޓުގެ ހަވާސާއިން ވާގްނާ ބޮސް ޔެވްގެނީ ޕްރިގޯޒިން ފެނިއްޖެއެވެ.
މިއީ މޮސްކޯއަށް އަރަން ޕްރިގޯޒިން ހިންގި ބަޣާވާތަށް ފަހު އޭނާ އާންމުކޮށް ފެނުނު ފުރަތަމަ ފަހަރެވެ. އެ ބަޣާވާތަށް ފަހު އޭނާ ނުފެނި ދުވަސްތަކެއް ވުމަށް ފަހު ސަމިޓުގެ ހަވާސާއިން އޭނާ ފެންނަ ފޮޓޯގައި ހުރީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)ގެ އެމްބެސެޑަރު ފްރެޑީ މަޕައުކާ އާ ސަލާމް ކުރާށެވެ.
މި ފޮޓޯ އާންމުވި އިރު މިއީ އެ ދެމީހުންގެ ދެމެދުގައި ޕީޓާސްބާގްގެ ޓްރެޒިނީ ހޮޓަލުގައި އޮތް ބައްދަލުވުމެއްގައި ދެމީހުން ނަގާފައި ވާ ފޮޓޯއެއްކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
ޕްރިގޯޒިން ޕީޓާސްބާގުން ފެނުނު އިރު އެ ސިޓީގައި އެފްރިކާ-ރަޝިއާ ސަމިޓްވެސް ހިނގަމުން އެބަދެއެވެ. މި ސަމިޓަކީ ރަޝިއާ އާއި އެފްރިކާގެ ގައުމުތަކާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި، އަސްކަރީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ސަމިޓެކެވެ.
ޕްރިގޯޒިން ޕީޓާސްބާގުން ފެނުނު އިރު މުރާސިލުން ބުނަނީ، އޭނާ އެތާނގައި ހުރީ ޕުޓިންއަށް އެނގިވަޑައިގެން ކަމަށާއި ބަޣާވާތަށް ފަހު ޕުޓިންއާ ޕްރިގޯޒިން އާ ދެމެދު މަޝްވަރާތައް ކޮށްފައި ވާ ކަމަށެވެެ. ޕްރިގޯޒިންގެ ޓީމުން މޮސްކޯއަށް އަރަން ކުރި ދަތުރު ހުއްޓާލައި އަނބުރާ ވާގްނާގެ ކޭމްޕްތަކަށް އެމީހުން ދިޔަ ތާ މަހެއްހާ ދުވަސް ފަހުން ޕުޓިން ވަނީ ވާގްނާގެ ކޮމާންޑަރުން ކްރެމްލިން އަށް ގެންނަވާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގެ މާބޮޑު ތަފްސީލުތަކެއް ހާމަ ކޮށްފައި ނުވި ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނީ، ވާގްނާގެ މުސްތަގުބަލާއި، އެ ޖަމާއަތުން ޔޫކްރައިން ހަނގުރާމައިގައި އަދާކުރި ދައުރާއި އަދި ވާގްނާ އަށް އާ ވެރިއަކު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ފަހުން ޕުޓިން ވަނީ، ވާގްނާގެ އާ ވެރިއަކަމަށް ކުރީގެ ޖެނެރަލަކު އައްޔަން ކުރަން ނަން ހުށަހަޅުއްވާފައެވެ.
ވާގްނާ އަކީ، ރަޝިއާގެ އިތުރުން އެފްރިކާ އާއި މެދުއިރުމަތީގައިވެސް ހަރަކާތްތެރިވާ ހަތިޔާރު އެޅި ވަރުގަދަ ޖަމާއަތެކެވެ. ހާއްސަކޮށް ރަޝިއާގެ މަދަދާއެކު ހަރަކާތްތެރިވާ މި ޖަމާއަތުގެ އަތުގައި އެންމެ ޒަމާނީ ހަތިޔާރާއި ބަރުހަތިޔާރު ހުރި އިރު ޔޫކްރައިން ހަނގުރާމައިގެ އިތުރުން އެފްރިކާގައި ހިނގަމުން ދާ ހަނގުރާމައާއި ސީރިއާގައި ހިނގަމުން ދާ ހަނަގުރާމައިގައި ރަޝިއާގެ ފައުޖުތަކަށް އެހީވުމަށް މިޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރި ވެއެވެ.
ވާގްނާ އިން މޮސްކޯ އަށް އަރާ ހިފަން ދިމާ ކުރީ، ޔޫކްރައިން ހަނގުރާމައިގައި އެ ޖަމާއަތުން ހިފި ބައެއް ސިޓީތައް ރަޝިއާގެ ސިފައިންނާ ހަވާލު ކުރުމަށް ފަހު އެނބުރި ކޭމްޕްތަކަށް ދާން ކުރި ދަތުރުގައި ރަޝިއާ ސިފައިން އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާދީ އެތައްހާސް ބަޔަކު މަރާލި މައްސަލައިގެ ބަދަލު ހިފާށެވެ. އޭރު ޕްރިގޯޒިން ބުނެފައި ވަނީ ރަޝިއާގައި އޮތް އަސްކަރީ ސަރުކާރު ވައްޓާލައި ސިފައިންގެ އެންމެ އިސް ދެ ވެރިން ހައްޔަރު ކުރާނެ ކަމަށެވެ. ނަމަވެސް ރަޝިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ބެލަރޫސްގެ ރައީސް މެދުވެރިވެވަޑައިގެން ޕްރިގޯޒިން އާ ކުރި މަޝްވަރާތަކަށް ފަހު އެ ޖަމާއަތުގެ ހަނގުރާމަވެރިން މޮސްކޯއަށް ނާރާ ދިޔައީއެވެ.