ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހެދި "އެސްޓީއޯ ސްމާޓް ޝޮޕް" ހުޅުވައިފިއެވެ.

މި ފިހާރަ ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައެވެ.

މި އެސްޓީއޯއިން ބުނީ، ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ސްޓޯ" މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަނުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަާކޮށް ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ.

އެގޮތުން ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ ކަމަށާއި ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ސްމާޓް ޝޮޕް / ފޮޓޯ: ދަ ޕްރެސް

އެސްޓީއޯއިން ބުނީ، އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސްއާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭނެ ކަމަށެވެ. އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މި ފިހާރައިގެ ސަބަބުން ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދޭނެ ކަމަށާއި އަދި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ގިނަ ބާވަތުގެ ތަކެތި މި ފިހާރައިން ލިބެން ހުންނައިރު އާންމު ގަޑިތަކުގައި މިހާރު ފިހާރަ ހުޅުވާފައި ހުރި ނަމަވެސް ކުރިއަށް އޮއްތާ 24 ގަޑިއިރު މި ފިހާރަ ހުޅުވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ، މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ.