އޮގަސްޓް މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖެ ވާދަ ނުކުރަން ނިންމީ ފައިސާ ނެތިގެން ނޫން ކަމަށާއި، މުބާރާތަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރި ނުވާން ނިންމީ ފައިސާ ނެތިގެން ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ޓްރިނަޑާޑް އެންޑް ޓޮބޭގޯ އަށް ދިޔުމަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑު ކަަމަށެވެ.

ކޮމަންވެލްތްސް ގޭމްސްއިން އެދެވޭ ނަތީޖާއެއް ނެރުމަކީ ދުރު ކަމެއް ކަމަށާއި އެކަމަށް ކުރާ ހަރަދުގެ ބަދަލުގައި އެ ފައިސާއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެތުލީޓުންނާއި ޓީމުތައް ތައްޔާރު ކުރުވުމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް މިނިސްޓްރީއަށާއި އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ވެސް ގަބޫލު ކުރެވޭތީކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމަންވެލްތް ގޭމްސްގައި ވާދަ ނުކުރާކަން ހާމަކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ރޭ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓުގައި ވަނީ، ކުރިއަށް އޮތް ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމީ ފައިސާގެ ދަތިކަން ސަރުކާރާއި އެމްއޯސީ އަށް ކުރިމަތިވެފައިވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ އެކަން ދޮގު ކުރައްވާފައެެވެ.

https://twitter.com/AhmedMahloof/status/1684122397077807106?s=20

މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް އޮލިމްޕިކް ކޮމިޓީން ފާސް ކުރީ މިދިޔަ މާޗު މަހު ބޭއްވި ކޮންގްރެސްގަ އެވެ. އޮލިމްޕިކް ކޮމިޓީގެ ބަޖެޓް 80 ޕަސެންޓް ދެނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުންނެވެ. ރާއްޖެ އިން ބައިވެރިވާ އައިއޯއައިޖީ ގޭމްސް އަންނަ މަހުގެ 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަސްކަރައިގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ސެޕްޓެމްބަރު 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންގްޒޫގައި ބާއްވަން ތާވަލް ކޮށްފައިވާ އޭޝިއަން ގޭމްސް ގައި ވެސް ރާއްޖެ އިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.