ފުލުހުން ރޭ އޭނާ ހައްޔަރުކުރީ ޗެކްޕޮއިންޓަށް މަޑުކުރުމަށް އެންގުމެއް ނެތި، ނަމަވެސް މަޑުކުރަން އެންގުމުން މަޑުނުކުރާ ކަމަށް ބުނެ ކަމަށާއި، ފުލުހުން ހައްޔަރުކުރި ސަބަބު ހާމަކުރީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ކަމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު 1 ޖަހާކަން ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އާމިރު ހައްޔަރުކުރި ގޮތުގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ދެ ފުލުހުން އައިސް އާމިރު ހިފެހެއްޓި ވަގުތު، އޭނާ އަށް އަނިޔާނުކުރުމަށް ފުލުހުން ގާތު ތަކުރާރުކޮށް އެދެމުންދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އެތަނުން އެއް ފުލުހަކު "މައިތިރިވެގެން ހުރޭ،" މިފަދައިން ބުނާ އަޑު ވެސް އެ ވީޑިއޯ އިން ވަރަށް ސާފުކޮށް އިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާމިރު ވިދާޅުވީ، ރޭ ހުޅުމާލެ ދެވަނަ ފިޔަވަހިން އޭނާ ސައިކަލުގައި ވަޑައިގަންނަވަނިކޮށް ޗެކްޕޮއިންޓުގައި ތިބި ދެ ފުލުހަކު މަޑުކުރަން އެންގި ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް މަޑުކުރަން އެންގި ކަމަށް ބުނެ، ދެ ފުލުހުން ފަހަތުން އައިސް "އަނިޔާކޮށް" ހަދާފައިވާ ކަމަށެވެ.

އޭނާ ބުނީ، ފުލުހުން މައްސަލަ ސާފުކޮށްދިނީ ހައްޔަރުކުރުމަށް ފަހު، ފުލުހުންގެ އިދާރާ އަށް ގެންދިއުމަށް ފަހު ކަމަށެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ތުހުމަތުކުރި ގޮތުގައި، އާމިރު ވަނީ ހުތުރު ބަހުން ފުލުހުންނާ މުހާތަބުކޮށްފައެވެ. އަދި އޭނާގެ ސައިކަލު ހުއްޓުވައި ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެއެވެ.

"ވި ނުރުހުމެއް ނީންނާނެ، ބޭނުންކުރި ހުތުރު ބަހެއް ނީންނާނެ،" ފުލުހުންގެ ތުހުމަތުތައް ދޮގުކުރައްވައި އާމިރު ވިދާޅުވިއެވެ. އަދި ހުތުރު ބަހެއް ބޭނުންކުރެވިފައިވާ ނަމަ، އެކަން ހާމަކުރުމަށް ވެސް ފުލުހުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ފުލުހުންގެ އިދާރާ އަށް ގެނެވުނީ ޗެކްޕޮއިންޓަށް މަޑުކުރަން އެންގުމުން މަޑުނުކުރުމުން ކަމަށް، އިދާރާ އަށް ގެންދިއުމަށް ފަހު ފުލުހުން ބުނި ކަމަށާއި، ނަމަވެސް އެއީ ދޮގެއް ކަމަށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރިއަށް އައިސް ހުއްޓާފަ، އެ ބޭފުޅުން މަޑުކުރަން ބުނީމާ އަޅުގަނޑު ބުނީ ކޮން ކަމަކާހޭ މަޑުކުރަންވީ، ކޮބާހޭ ކުށަކީ، ބުނީމާ ބުނީ މަޑުކުރާށޭ ނޫންހޭ މި ބުނީ، ކިޔާފަ ކުއްލިއަކަށް ކުރިމައްޗަށް އަރާފަ ސައިކަލު މަޑުކޮށްފަ އަޅުގަނޑުގެ ސައިކަލު ހިފެހެއްޓީ،"
އަހްމަދު އާމިރު | ކުޑަހުވަދޫ ދާއިރާގެ މެންބަރު

ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އާމިރު ވަނީ، ފުލުހުން ހަމައެކަނި ތަންފީޒުކުރަން ޖެހޭނީ އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނުތޯ ނުވަތަ ޓްރެފިކާ ބެހޭ ގާނޫނުތޯ ސުވާލު އުފައްދަވައިފައެވެ. ޓްރެފިކް މައްސަލަތައް ފެންނަ ބީދައިން އެހެން މައްސަލަތައް ނުފެންނަނީ ކީއްވެތޯ އާމިރު ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުގެ އެއްވެސް ނުރުހުމަކާ ނުލާ އަނިޔާކުރަން ފެށީމާ އަޅުގަނޑު ބުނިން، އަނިޔާ ނުކުރާށޭ، ތަކުރާރުކޮށް އަޅުގަނޑު ބުނަމުން ގެންދިޔަ ބަހަކަށް އޮތީ އަނިޔާނުކުރާށޭ، އަނިޔާ ނުކުރާށޭ މަދަނީ ކުށަކަށް މިހާރު އޭ ތި އަރައިގަނެވެނީ،"
އަހްމަދު އާމިރު | ކުޑަހުވަދޫ ދާއިރާގެ މެންބަރު

އޭނާ ވިދާޅުވީ، ޗެކްޕޮއިންޓަށް މަޑުނުކުރުމުން ކަމަށް ބުނެ، އެއްވެސް މީހަކާ މެދު އެގޮތަށް އަމަލުނުކުރެވޭނެ ކަމަށެވެ. އެތަނުގައި އާމިރު ހައްޔަރުކުރަން ހަރަކާތްތެރިވި ފުލުހެއްގެ ނަން ހާމަކުރައްވައި އާމިރު ވިދާޅުވީ، މަދުން ނަމަވެސް ތަމްރީނު ނުލިބޭ ފުލުހުން ނުކުމެ، ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރާތީ ހިތާމަކުރައްވާ ކަމަށެވެ.

އަދި އެ މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.