އަރަބިއްޔާ ސްކޫލް ހިންގުން ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަލު ކޮށްފިއެވެ.

އެހެންކަމުން އޮގަސްޓް މަހު ފެށޭ ދިރާސީ އާ އަހަރާއެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުން ދާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ދިރާސީ އާ އަހަރު ފެށޭ ދުވަހު ހުޅުވާނެއެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރުމާ ގުޅިގެން އެ އިމާރާތުގައި ކުރިން ހުރި ނޫކުލަ، އަރަބިއްޔާ ސްކޫލުގެ ކުލަ ކަމަށްވާ ފެހި ކުލައަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިން ހަމަޖައްސާފައިވާއިރު އެ އިމާރާތް އެޅުމަށް ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވީ ނަމަވެސް ބިން ސާފު ކުރުން ފިޔަވާ އިތުރު އަމަލީ މަސައްކަތެއް ފަށާފައި ނުވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.