ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތުކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށް ހައިކޯޓުން ބުނެފިއެެވެ.

ހައިކޯޓުގެ އަމުރުގައި ބުނެފައި ވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށްވާ މަމްދޫހް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ގޮތަށް މަމްދޫހްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރު ނެރެން ޖެހޭ ޒަރޫރަތެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

މަންޑޭގެ ޕާސްޕޯޓް މީގެ ކުރިން ހިފަހައްޓާފައި އޮތް ނަމަވެސް ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ކުރީގެ އަމުރު މުރާޖައާ ކުރުމަށް ފަހުއެވެ. މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ވަނީ ފިލަން މަސައްކަތް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެދިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރާ އެކު މި މަހުގެ 6 ވަނަ ދުވަހު މަންޑޭ ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މަންޑޭގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ. އެއީ އެ މައްސަލައަކީ ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވެފައި، މި މައްސަލައިގެ ހެކި ނައްތާލަން އޭނާ މަސައްކަތްކޮށް، ހެކިންނަށް ނުފޫޒު ފޯރުވާކަން ފުލުހުން ފާހަގަ ކުރުންނެވެ.

މަންޑޭގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ. ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އާބަންކޯގެ އިތުރުން، ހަންބޯ ކުންފުނިން ވެސް ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި ފުލުހުން އަންނަނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ.