ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާއި ވައްކަން ކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވާދައަށް ކަމަށް ޑިމޮކްރެޓްސްގެ ބާނީ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އިންސާފު ހޯދައިދޭން ކަމަށާއި ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަށް ކަމަށެވެ. އަދި ކޮރަޕްޝަނާއި ވައްކަން ހުއްޓުވައި ކުރީ ސަރުކާރުގައި ދައުލަތުން ކޮށްފައިވާ ވައްކަމުގެ ފައިސާތައް ހޯދުމަށް ވައުދުވަމުން ކަމަށެވެ.

ކަމެއް ރަނގަޅު ކުރުމަށް ކަމަށް ބުނެ އަންނަ ބަޔަކަށް އެކަން ރަނގަޅު ނުކުރެވިދާނެ އެތައް ސަބަބުތަކެއް ދިމާވެދާނެ ކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ އެކަމެއް ގޯސް ކުރުމަށްފަހު ވެރި ކަމަށް އައިސް އެކަމެއް ތަކުރާރު ކުރުމަކީ އަދި މާ ގޯސްކަމެއް ކަމަށެވެ.

ވާދަވެރިކަމެއްގަ ކުރާހެން އަޅުގަނޑަށް މިހާރު ސިފަކުރެވެނީ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރި ގޮތަށް އެއާ ވާދައަށް މިހާރުގެ ކޮރަޕްޝަންގެ ކަންކަން ހިންގާލާހެން
ހަސަން ލަތީފް

މި ސަރުކާރުން ވެރިކަމަށް އައިސް ކުރަން ފެށި ކަމަކީ ކޮރަޕްޝަނާއި ވައްކަމުގެ ކަންކަން ހިންގޭނެ ގޮތްތަކާއި ފުރުސަތުތައް ހުޅުވާލައިގެން އެ ކަންކަން އިންތިހާއަށް ކުރަން ފެއްޓުން ކަމަށް ހަސަން ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުގައި ގެއްލުނު ފައިސާ ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށާއި އެއީ އެ ކަންކަމުގެ ހެކި އަދި އެކަންކަން ހިނގާފައިވާގޮތް މިހާރު ފެންނަން ހުންނާނެ ކަމަކަށް ގަބޫލު ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އަންނަ ހުކުރު ދުވަހު 2:00 އިން 6:00އަށް ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބްގެ ފެންނަ ނުފެންނަ ކަމުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕާޓީގެ 20 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ތިބި ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާ މަރުކަޒުތަކަށް ހާޒިރުވެ، ވޯޓު ލެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

20 މެންބަރުންނަށްވުރެ މަދު މެންބަރުން ތިބި ރަށްރަށުގައި އޮންލައިންކޮށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި ވޯޓު ފޮށި ބަހައްޓާ ރަށްރަށުގައިވެސް އޮންލައިންކޮށް ވޯޓު ލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑަބްލް ވޯޓު ލުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެކަން ބަލަމުން ގެންދާނެ ކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަން އިތުރަށް ވިދާޅުވީ ވޯޓު ލަމުންދާ ވަގުތު ވެސް ޕާޓީއަށް މެންބަރުންނަށް ވުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.