ގާނޫނާއި ގަވާއިދު އަދި އުސޫލުތަކާވެސް ހިލާފުވެ ވަޑައިގެންފައި ނުވާނެ ކަމަށާއި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިފަދައިން ވިދާޅުވެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްވެފައި ވަނިކޮށް "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފުވާދު ވިދާޅުވީ އެއީ ވަރަށް ތާކުން ތާކު ނުޖެހޭ ކަމެއް ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނަމަ ނަގަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި އިތުރުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނޫނީ އިތުބާރު ނެތް ކަމަށް ބުނަން ޖެހޭ ސަބަބެއް ދައްކައިދޭން ޖެހޭ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ގާނޫނާއި ގަވާއިދާއި އުސޫލުތަކާވެސް ހިލާފު އެއްވެސް ކަމެއް ކުތައްވާފައި ނުވާނެ ކަމަށާއި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ވެސް ދެފުށްފެންނަހެން އެނގޭނެ ކަމަށެވެ. އަދި ގާތް ތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ވަޒީފާއެއް ދެއްވާފައި ނުވާނެ ކަމަށާއި އިތުބާރު ނެތް ކަމުގެ އެއްވެސް ސަބަބެއް މެންބަރުންނަށް ނުދެއްކޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބާއްވަން ހުއްދަދިނުން އަވަސްކުރެއްވި ކަމަށް ބުނެ މެންބަރުންގެ ތުހުމަތުތައް އަމާޒުވިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.
ފުވާދު ވިދާޅުވީ އިތުބާރު ނެތީ އީސީގެ މަސައްކަތްތައް އަވަސްކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ވަނީ ނަމަ އެއީ ހިތާމަ ހުރި ކަމެއް ކަމަަށެވެ.
ފުވާދު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމާއި އެއްވެސް ކަހަލަ ވިޔާނުދާ އަމަލަކަށް ހިތްވަރު ނުދިނުމަކީ އިތުބާރު ނެތް ކަމުގެ ސަބަބަކަށް ވަނީ ނަމަ އެއީ ހިތާމަވެރިކަމެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ވިޔާނުދާ އަމަލެއް، ބަދުއަހުލާގީ އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް އީސީގައި ހިންގިޔަ ނުދެއްވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް އީސީގެ އެންމެ އިސްވެރިއަކަށް ހުންނެވި ފަރާތް އިސްތިއުފާ ދެއްވުމަކީ ވަރަށް ބޮޑު ނުރަނގަޅު ކަމަކަށް ވާނެ ކަމަށާއި މިކަމުން ދޭހަވަނީ މެންބަރުން ގައުމާ ދޭތެރޭ ނުވިސްނާ ކަން ކަމަށެވެ. އަދި އެގޮތަށް ގޮވާލާ ގޮވާލުމަކަށް އިޖާބަ ނުދެއްވާނެކަން ފާހަގަ ކުރައްވާ ފުވާދު ވިދާޅުވީ ރައްޔިތުންނަށް އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއް ގެނެސްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށެވެ.