އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ ދައުރު އަންނަ މަހު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލްހަސީބު އިސްމާއީލުގެ ނަން ފޮނުވައިފިއެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހަސީބުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ. އޭނާގެ ނަމާ އެކު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ނަން ހުށަހެޅި އެހެން ބޭފުޅުންގެ ނަންތައް ވެސް ފޮނުއްވިއެވެ.

އެއާއެކު ރިޔާސަތުން ވަނީ ހަސީބުގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފައެވެ.

ގާނޫނު ބަޔާންކުރާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން އަދާކުރެއްވޭނީ އެންމެ ގިނަވެގެން ވެސް ފަސް އަހަރުގެ ދެ ދައުރަށެވެ. ފުއާދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގައެވެ.