ތައިލޭންޑުގެ ސަފީރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ރުހުންދީފިއެވެ.
ފުވާދުގެ ނަމަށް ރުހުންހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އަދި ރިޔާސަތުން ވަނީ ފުވާދުގެ ނަން ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވައިފައެވެ.
ކޮމިޓީން ނިންމީ ފުވާދުގެ ތަޖުރިބާ އަށް ބެލުމަށް ފަހު، އޭނާ އާ އިންޓަވިއުނުކޮށް ރުހުންދިނުމަށް ފެންނަ ކަމަށެވެ.
އެހެންވެ، ފުވާދަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 58 މެންބަރުން ވެސް ވޯޓު ދިނީ ފުވާދަށް ސަފީރުކަން ދޭން ފެންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގައި ފުވާދު ފުރުއްވި މަގާމުތައް:
- އިންތިގާލީ ކޮމިޝަންގެ މެންބަރު (ސެޕްޓެމްބަރު 2008 - ސެޕްޓެމްބަރު 2009)
- އިންތިގާލީ ކޮމިޝަންގެ ރައީސް (ސެޕްޓެމްބަރު 2009 - ނޮވެމްބަރު 2009)
- ކޮމިޝަންގެ ރައީސް (ނޮވެމްބަރު 2009 - މާޗް 2014)
- ކޮމިޝަންގެ މެންބަރު (ނޮވެމްބަރު 2019 - ސެޕްޓެމްބަރު 2021)
- ކޮމިޝަންގެ ރައީސް (ސެޕްޓެމްބަރު 2021 - ނޮވެމްބަރު 2024)