އެންޓި ކެންޕޭނާއި ގުޅުން ހުރި ގާނޫނުތައް އިތުރަށް ހަރުކަށި ކުރަން ޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ، އިންތިހާބުތަކުގައި އެންޓި ކެންޕޭން ކުރުމުގެ މައްސަލަތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓިތަކުން ބާއްވާ ބައެއް ޖަލްސާތަކާއި ޑޯޓުޑޯ ހަރަކާތްތަކުގައި ވެސް އެންޓި ކެންޕޭން ވަރަށް ބޮޑަށް ކުރާ ކަން ފާހަގަކޮށް ފުވާދު ވިދާޅުވީ މިއީ ގާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

ފައިސާ ދީގެން ކަމުގައި ވިޔަސް ނުވަތަ ސިޔާސީ ފަރާތަކުން އެދުނު ކަމަށްވީ ނަމަވެސް އެންޓި ކެންޕޭނަށްވާ ފަދަ ޕްރޮގްރާމްތައް ބްރޯޑްކާސްޓު ކޮށްގެން ނުވާނެކަން ފާހަގަކޮށް ފުވާދު ވިދާޅުވީ މި ފަދަ މައްސަލަތަކުގައި ޓީވީ ޗެނަލްތަކާއި ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅަން ޖެހިފައި ވެސް އެބަ ހުރިކަމަށެވެ. އަދި އެ ކަން ހިނގާތީ ބައެއް މީޑިއާތަކުގައި އެ ކަން ނުކުރުމަށް މީގެކުރިން އެދިފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ފުވާދު ވިދާޅުވީ އެފަދަ ބައެއް މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ އޮފީސް) އަށާއި ފުލުހުންނަށް ވެސް ހުށަހެޅިފައި ވާކަމަށެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކޮށް ފުވާދު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާ، މީޑިއާ ކައުންސިލާއެކު އީސީން ބައްދަލުވުންތައް ބާއްވާކަމަށާއި، އެ ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުން ވެސް ރަނގަޅު ނަތީޖާ ފެންނަކަމަށެވެ.

އެންޓި ކެމްޕެއިނަކީ ސިޔާސީ ފަރާތްތަކުން ދުރުވާންޖެހޭ ކަމެއްކަން ފާހަގަކޮށް ފުވާދު ވިދާޅުވީ ސިޔާސީ ފަރާތްތަކަކީ އިންތިހާބުތަކުގައި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ބައެއްކަމަށް ވިދާޅުވެފައެވެ. އިތުރަށް ފުވާދު ވިދާޅުވީ ކެންޕެއިން ކުރުމަކީ އެމީހެއްގެ ކިބައިގައި ހުރި ކޮލެޓީ ނުވަތަ ހުނަރުތަކުގެ ވާހަކަތައް ދެއްކުންކަމަށެވެ.