އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅާ ކެންޑިޑަސީ ފޯމުގައި ސޮއިކުރައްވައިފިއެވެ.

ޕީޕީއެމް އިން ބުނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގައި ޔާމިނު ސޮއިކުރައްވާ ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފޯމު ހުށަހެޅުމަށްޓަކައި ޔާމީންގެ ސޮއި ބޭނުންވާތީ އެމަނިކުފާނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރިއެވެ. ނަމަވެސް ތަކެތި ބަލައި ފާސްކުރުމަށް އުޅުމުން އެކަމާ ޔާމީންގެ ވަކީލުންގެ ޓީމުން ދެކޮޅު ހެދިކަމަށް ބުނެ، ކަރެކްޝަނުން އެ ފުރުސަތެއް ނުދިނެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމިގެންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، މި އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.