އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމުގައި ސޮއިކުރުވަން ކަރެކްޝަނުން އެހީތެރިކަން ދޭން ނިންމައިފިއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމަށް އިއްޔެ ހުޅުވާލި ފުރުސަތު އަންނަ މަހު 7 އަށް ހަމަވާނެއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފޯމު ހުށަހެޅުމަށްޓަކައި ޔާމީންގެ ސޮއި ބޭނުންވާތީ އެމަނިކުފާނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތްކުރިއެވެ. ނަމަވެސް ތަކެތި ބަލައި ފާސްކުރުމަށް އުޅުމުން އެކަމާ ޔާމީންގެ ވަކީލުންގެ ޓީމުން ދެކޮޅު ހެދިކަމަށް ބުނެ، ކަރެކްޝަނުން އެ ފުރުސަތެއް ނުދިނެވެ.

އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔާމީންގެ ފޯމުގައި ސޮއިކުރުމަށް ކަރެކްޝަންސްގެ ފަރާތުން ޕީޕީއެމުން ވަނީ އެދިފައެވެ. ކަރެކްޝަނުން މީޑިއާތަކަށް ބުނީ، ޔާމީންގެ ކެންޑިޑެސީ ފައިލްކުރުމަށް ޕީޕީއެމުން އެހީތެރިކަމަށް އެދިފައިވާތީ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.