ކުރީގެ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިި ވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ބެލުން ލަސްވާތީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ކަމަށް، ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ބުންޏެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމިކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.

ރެޖިސްޓްރާ މައްސަލަ ބަލައިނުގަތުމަށް ނިންމިކަމުގައި ވިޔަސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ އިސްތިއުނާފުކުރުމުގެ ކުރުމުގެ ފުރުސަތު ޔާމީނަށް އެބައޮތެވެ.

ޔާމީންގެ މައްސަލަ ދިގުލައިގެން ދާތީ، އިދިކޮޅު ކޯލިޝަނާއި ޔާމީންގެ ސަޕޯޓަރުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެކަމާ ގުޅިގެން އަޑުއުފުލައި، ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް އިދިކޮޅު ކޯލިޝަނުން އަންނަނީ ހިންގަމުންނެވެ.

ޔާމީންގެ މައްސަލަ ބަލައި ނުނިމި، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.