ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ 34 މައްސަލަ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް ޕީޕީއެމްގެ ގާނޫނީ ޓީމުން ބުނެފިއެވެ.

މިއަދު ޕީޕީއެމްގެ ގާނޫނީ ޓީމުން ނޫސް ވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ބުނީ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޖުމްލަ އަދަދު 60 އާ ގާތްކުރާނެ ކަމަށާއި އިތުރު މައްސަލަތައް އާންމުންގެ ފަރާތުން ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ވެރިފައި ކުރުމުގެ މަސައްކަތް ނުނިމޭތީ އިދާރާތަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކި އަހަރުތަކުގެ މަތިން އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަ ތަކަށް ބަލާއިރު 2018 ވަނަ އަހަރު 1 މައްސަލައާއި 2019 ވަނަ އަހަރު 4 މައްސަލައިގެ އިތުރުން 2020 ވަނަ އަހަރު އެއް މައްސަލަ ހުށަހަޅާފައި ވެއެވެ. މީގެ އިތުރުންވެސް 2021 ވަނަ އަހަރު ހަތަރު މައްސަލައާއި 2022 ވަނަ އަހަރު 14 މައްސަލައިގެ އިތުރުން މި އަހަރުގެ މިހާތަނަށް ޖުމްލަ 8 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަކުގެ ތެރެއިން 33 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވާއިރު، އެއް މައްސަލައެއްގެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.

މި ކޮރަޕްޝަންގެ މައްސަލަތައް ރައްދުވާ ފަރާތްތައްވެސް ޕީޕީއެމްގެ ގާނޫނީ ޓީމުން ވަނީ އާންމު ކޮށްފައެވެ. އެގޮތުން ރައީސް ސޯލިހުގެ މައްޗަށް 32 މައްސަލައެއް ތުހުމަތު ކުރެވޭ ކަމަށް ގާނޫނީ ޓީމުން ބުންޏެވެ. އަދި ފިނޭންސް މިނިސްޓްރީގެ މައްޗަށް 10 މައްސަލައެއް ތުހުމަތު ކުރެވޭއިރު އެމްޑީޕީގެ މައްޗަށް 6 މައްސަލައެއް އަދި ހެލްތު މިނިސްޓްރީގެ މައްޗަށް 4 މައްސަލައެއް ތުހުމަތު. ފެނަކައިގެ މައްޗަށް 4 މައްސަލައެއް ތުހުމަތު ކުރެއެވެ.

މީގެ އިތުރުންވެސް އެސްޓީއޯ އަދި ޕްލޭނިން މިނިސްޓްރީން ކުރެ ކޮންމެ ތަނަކަށް 3 މައްސަލައެއްގެ ތުހުމަތު ކުރާއިރު ރައީސް އޮފީސް އަދި އާރްޑީސީން ކުރެ ކޮންމެ ތަނަކަށް 2 މައްސަލައެއްގެ ތުހުމަތު ކުރެއެވެ.