ސިންގަޕޫރުގައި ހިފެހެއްޓުމުން މިވަގުތު އެ ގައުމުގައި ހުންނެވި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީއޭ އިން ބުނެފިއެވެ.

ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން އެމެރިކާގެ ހިލްޓަން ކުންފުންޏާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ފެބްރުއަރީ 27، 2009 ގައި ވި އެއްބަސްވުން 2013 ވަނަ އަހަރު އުވާލި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅާފައި ވަނީ ސަން ކުންފުނިން އެ އެއްބަސްވުން އުވާލީ ރަނގަޅަށް ނޫން ކަމަށެވެ.

އެހެންވެ، ބަދަލުގެ ގޮތުގައި ސަން ކުންފުނިން 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އެ ފައިސާ ނުދައްކައިގެން ކޯޓަށް ހާޒިރުވުމަށް ކުރި އަމުރަކާ ގުޅިގެންނެވެ. އޭނާ ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށް ގެންގޮސް ތިން މަހުގެ ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި ފުލުހުންގެ ފަރާތުން ސިންގަޕޫރަށް ވަނީ ސިޓީ އެއް ފޮނުވައިފައެވެ. އެގޮތުން:

  • ފޮރިން މިނިސްޓްރީގެ ސިޓީގައި ބުނީ ސިޔާމަކީ ރަނގަޅު ޝަހުސިއްޔަތެއްގެ ބޭފުޅެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވާ ވިޔަފާޜިވެރިއެއް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް
  • ފުލުހުންގެ ސިޓީގައި ބުނީ، ސިޔާމަކީ ރޮމޭނިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އޮނަރަރީ ކައުންސެލް ކަމަށާއި، ކުށުގެ އެއްވެސް ރެކޯޑެއް އޭނާގެ ނެތް ކަމަށް

ސިޔާމްގެ އެމްޑީއޭގެ ފަރާތުން ނެރުނު ކުރު ބަޔާނެއްގައި ބުނީ، މިރޭ 10:10 ގައި ސިޔާމް ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ދޫކޮށްލުމަށް އެދި ފޮރިން މިނިސްޓްރީ އާއި ފުލުހުން ސިންގަޕޫރަށް ސިޓީ ފޮނުވަން ޖެހުނީ ކޮން ސަބަބަކާ ހެދި ކަން އަދި މުޅިއަކުން ސާފެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނަމަވެސް، މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުގައި އޮންނަ ޝިޔާމް ވަނީ ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބައެއް ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.