ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޖުމްހޫރި މައިދާނަށް އެއްވި ޕީޕީއެމްގެ ލީޑަރުން ފުލުހުން ހައްޔަރު ކޮށްފިއެވެ.

އެ ސަރަހައްދަށް ވަޑައިގެން ޕީޕީއެމްގެ ލީޑަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގުގެ އިތުރުން ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ހިމެނެއެވެ.

ޕީޕީއެމުން ބުނީ، ހައްޔަރު ކޮށްފައި ވަނީ، ޝިޔާމާއި، އާދަމް ޝަރީފާއި ސައީދާއި، ޝުޖާއުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ހުޅުމާލެ ކައުންސިލަރު ޝުޖާއާއި މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާން ކަަމަށެވެ. މީގެ އިތުރުން ވެސް އިތުުރު މީހުން ހައްޔަރު ކުރި ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމްގެ ޅީޑަރުންގެ ތެރެއިން ޖުމްހޫރީ މައިދާނަށް ވަޑައިގެން އާދަމް ޝަރީފް ފުލުހުން ހައްޔަރު ކުރަނީ

ޕީޕީއެމްގެ މެންބަރުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތައް ހިންގަމުން އަންނަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެ ޕާޓީން ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އިރު، ޔާމީންގެ މައްޗަށް ސާބިތުކޮށްފައިވާ އާރަށް ވިއްކާލުމުން ކޮށްފައި ވާ ހުކުމް އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައެވެ.

އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފޯމް ހުށަހަޅަން ޖެހޭ މުއްދަތުގެ ސުންގަޑި ހަމަވުމުގެ ކުރިން އިސްތިއުނާފު މައްސަލަ ކާމިޔާބު ވެގެން ނޫނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިހާރު ޗުއްޓީ ނަންގަވާފައިވާތީ މައްސަލަ ނުބަލައި ދިގުލައިގެން ދާ މައްސަލައިގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއެއްގެ ގޮތުގައި އެކަން ސިފަކުރައްވައި އެ ޕާޓީގެ ލީޑަރުން ވަނީ މީގެ ކުރިން ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. ހަމައެއާއެކު އެ ޕާޓީން ހިންގި ބައެއް ހަރަކާތްތަކުގެ ތެރެއިން ގްރީން ޒޯނަށް ވަދެ އަޑު އުފުލާ އިހްތިޖާޖު ކޮށްފައި ވެސް ވެއެވެ.