ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމްގެ ލީޑަރުން ޖޫމްހޫރީ މައިދާނަށް ވަޑައިގެންފިއެވެ.
އެ ސަރަހައްދަށް ވަޑައިގެން ޕީޕީއެމްގެ ލީޑަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ހިމެނެއެވެ.
ޕީޕީއެމްގެ މެންބަރުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތައް ހިންގަމުން އަންނަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެ ޕާޓީން ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އިރު، ޔާމީންގެ މައްޗަށް ސާބިތުކޮށްފައިވާ އާރަށް ވިއްކާލުމުން ކޮށްފައި ވާ ހުކުމް އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައެވެ.
އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފޯމް ހުށަހަޅަން ޖެހޭ މުއްދަތުގެ ސުންގަޑި ހަމަވުމުގެ ކުރިން އިސްތިއުނާފު މައްސަލަ ކާމިޔާބު ވެގެން ނޫނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިހާރު ޗުއްޓީ ނަންގަވާފައިވާތީ މައްސަލަ ނުބަލައި ދިގުލައިގެން ދާ މައްސަލައިގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއެއްގެ ގޮތުގައި އެކަން ސިފަކުރައްވައި އެ ޕާޓީގެ ލީޑަރުން ވަނީ މީގެ ކުރިން ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. ހަމައެއާއެކު އެ ޕާޓީން ހިންގި ބައެއް ހަރަކާތްތަކުގެ ތެރެއިން ގްރީން ޒޯނަށް ވަދެ އަޑު އުފުލާ އިހްތިޖާޖު ކޮށްފައި ވެސް ވެއެވެ.