އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ކުރި އިހްތިޖާޖުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާކޮށް އިހްތިޖާޖުތައް ކުރަމުންނެވެ.
ރޭގެ އިހްތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 11 ފިރިހެނުންނާއި 3 އަންހެނުން ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި އެ މީހުން ދޫކޮށްލާފައި ނުވާ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕެއިންގައި އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން ރޭ ރައީސް ސޯލިހް ހއ.އިހަވަންދޫއަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އިހުތިޖާޖު ކޮށްފައިވާއިރު އެކަން ހުއްޓުވުމަށް ޕީޕީއެމް ޖަގަހައަށް ފުލުހުން ވެސް ވަނީ ގޮސްފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި އޮތްއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.
ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.