މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ (30އ)، އޭނާގެ ފިރިމީހާ އަފި ވިޔަފާރިވެރިޔާ ޑެލްޓަން ގޯމޭޒްއާ ވަކިވާން ނިންމައިފިއެވެ.

ދެމީހުން މިހާރު ވަކިން ދިރިއުޅެން ފަށާފައިވާއިރު ރިޕޯޓްތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމަށް ޑިވޯސް ފައިލް ކުރާނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަރިއާނާ އޭނާގެ ފިރިމީހާ އާ ވަކިން ދިރިއުޅެން ފެށީ ޖެނުއަރީގައެވެ. އަރިއާނާގެ ގާތް މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ ޖެނުއަރީ މަހު ދެމީހުން ވަކިން ދިރިއުޅެން ފަށައި ދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަން މަސައްކަތް ފެށިކަމަށާއި ދެމީހުންވެސް މިވަގުތު ބޭނުންވަނީ ވަރިވާން ކަމަށެވެ. ނަމަވެސް ދެމީހުން ވަކިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ދެމީހުން ވަކިވާން ނިންމީ ދެމީހުންގެ ވެސް މަސައްކަތް ހުންނަ ގޮތުން ދެމީހުނަށް އެއްކޮށް ވަގުތު ހޭދަނުކުރެވުނުގެ ސަބަބުން ގުޅުން ހީނަރުވުމުންނެވެ. ލަވަކިޔުންތެރިޔާ ވަނީ ދެމީހުންގެ ކައިވެނި ހަފްލާގައި ނަގާފައިވާ ފޮޓޯވެސް އިންސްޓަގްރާމުން ރިމޫވްކޮށްފައެވެ.

2020 ވަނަ އަހަރު އަރިއާނާ އާއި ޑެލްޓަން އެންގޭޖްވިއިރު، ދެމީހުން ކައިވެނިކުރީ 2021 ވަނަ އަހަރުގައެވެ. ވަރަށް ސިއްރިއްޔާތުގައި ދެމީހުން ކައިވެނިކުރި އިރު ދެމީހުން ކައިވެނިކުރިކަން ހާމަވީ ވެސް އަރިއާނާ އޭނާގެ އިންސްޓަގްރާމަށް ޕޯސްޓްކުރި ފޮޓޯއާއެކުގައެވެ. އަރިއާނާ އަށްވުރެ އުމުރުން ދެ އަހަރު ހަގު ޑެލްޓަން އާއި ދިމާވީ 2019 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތުގެ މާހައުލުންނެވެ. އޭގެ ފަހުން ދެމީހުން އެކުގައި ތަންތަނުން ފެނުން އާންމުވިއިރު ދެމީހުން އެކުގައި އުޅޭކަން ހާމަކުރީ 2020 ވަނަ އަހަރުގައެވެ. އަހަރެއް ފަހުން އެންގޭޖްވިއިރު، އޭގެ ޖެހިގެން އައި އަހަރު ދެމީހުން ކައިވެނިކުރިއެވެ. އޭރު ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އަރިއާނާ، ޑެލްޓަން އާއި ކައިވެނިކުރީ މާ އަވަހަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ވަނީ މީގެ ކުރިންވެސް އެންގޭޖްވެފަ އެވެ. އެއީ “ސަޓަޑޭ ނައިޓް ލައިވް"ގެ ޕާފޯމާ ޕީޓް ޑޭވިޑްސަންއާ އެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް ނުގޮސް ދެމީހުން ވަކިވީ އަރިއާނާގެ ކުރީގެ ލޯބިވެރިޔާ މެކް މިލާ އޯވަޑޯޒްވެގެން މަރުވުމުގެ ސަބަބުންނެވެ.