އެފްއޭމްގެ މެންބަރު ކުލަބުތަކުން އިތުބާރު ނެތް ކަމަށް ނިންމާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، އެފްއޭއެމް ހިންގާނެ ބައެއް ކަނޑައަޅާނީ ކުލަބުތަކުން ކަމަށާއި ކުލަބުތަކުގެ އިތުބާރު އޭނާ އަށް ގެއްލޭ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެ އިތުބާރު ގެއްލޭ ހިސާބުން ތިންވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވެސް ބައްސާމު ވިދާޅުވިއެވެ.
ފުރަތަމަ ދައުރު ވަރަށް ކާމިޔާބު ކަމަށާއި އެހެން ނަމަވެސް ދެވަނަ ދައުރުގައި މާލީ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮވިޑްގެ ސަބަބުން ދިމާވި މާލީ މައްސަލަތަށް ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަން ބައްސާމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުލަބު ތަކާއި އެފްއޭއެމްގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ވަރަށް އަވަހަށް ދީ ހަލާސް ކުރާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމް ހައުސް ފަދަ ތަންތަން ކުއްޔަށް ދީގެން އެ އެސޯސިއޭޝަނަށް އާމްދަނީ މިހާރު ލިބޭ ކަމަށާއި ސްޕޮންސާތައް އަދި ފިފާ އާއި އޭއެފްސީގެ އެހީތަކާއި ސަރުކާރުގެ އެހީއާ އެކު ހުރިހާ ދަރަނިތަކެއް ދައްކާ ހަލާސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
ބައްސާމު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފުޓްބޯޅަ ކުރިއަރުވައި އެފްއޭއެމްގެ ހިންގުން ހަރުދަނާ ކުރުމުގެ ގިނަ ރޭވުންތަކެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
ބައްސާމް މިހެން ވިދާޅުވެފައި ވާއިރު "ސޭވް އެފްއޭއެމް" ސްލޯގަންއާއެކު މިހާރު ވަނީ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިނަކީ ސާފް ޗެމްފިއަންޝިފުގައި ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރު ކެޓުމާއި ގުޅިގެން، ފުޓްބޯޅައިގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ ބޭފުޅުންތަކެއް އެއްވެގެން ފެށި ކެމްޕެއިނެކެވެ.
މީގެ 26 އަހަރު ކުރިން ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅެން ފެށި ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މުބާރާތުގެ ސެމީއަށް ނުގޮސް ވަނީ ކަޓާފައެވެ.