އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް އަނެއްކާވެސް ތާވަލު ކޮށްފިއެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
އެ މައްސަލާގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށް ކްރިމިނަލް ކޯޓުގައެވެ.
އެންމެފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ނިންމަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ޔާމީންގެ ގާނޫނީ ވަކީލުންނާއި، ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިއަދު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.