އެމެރިކާއިން ފޯރުކޮށް ދިން ނުރައްކާތެރި ކްލަސްޓާ ބޮން ޔޫކްރައިނުން ބޭނުން ކޮށްފި ނަމަ، ބަދަލު ހިފާނެ ކަމަށާއި ވާވަރަށް ކްލަސްޓާ ބޮން ރަޝިއާ އަތުގައި ހުރި ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެ އިންޒާރު ކުރައްވައިފިއެވެ.

ޕުޓިން ވިދާޅުވީ، ރަޝިއާ އާ ދެކޮޅަށް ޔޫކްރައިން އިން ކްލަސްޓާ ބޮން ބޭނުން ކުރުމަކީ ހަދާނެ ގޯހެއް ކަމަށާއި ރަޝިއާ އަތުގައި އެކި ބާވަތްތަކުގެ ކްލަސްޓާ ބޮން އެބަހުރިކަމަށެވެ.

ކްލަސްތާ ބޮމަކީ ބޮޑު ބޮމެއްގެ ތެރޭގައި ކުދި ބޮންތަކެއް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައި އޮންނަ ބޮމަކަށް ވާ އިރު އެ ވައްޓާލުމުން ބޮޑު ފުޓްބޯޅަ ދަނޑެއްހާ ވަރުގެ ސަރަހައްދެއް އަންދާލައެވެ. ނުވަތަ ރޯވެ އަނދައެވެ.

އެމެރިކާއިން ޔޫކްރައިން ކްލަސްޓާ ބޮން ދިން މައްސަލަގައި ފްރާންސް، ޖަރުމަން އަދި އިނގިރޭސިވިލާތުން ހިޔާލު ތަފާތު ވެފައި ވާ އިރު އިންސާނީ ހައްގުތަކަށް މަަސައްކަތް ކުރާ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާއިން ފޯރުކޮށްދިން ބޮން އަދި ޔޫކްރައިނުން ބޭނުން ނުކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުން ކުރާނެ ކަމަށް މުރާސިލުން ބުނެއެވެ.

އެ ބޮންތައް ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ހުއްޖަތަކީ ޔޫކްރައިނަށް މިވަގުތަށް ކޮންމެހެންވެސް އެ ހަތިޔާރު ބޭނުންވާ ކަމަށާއި ރަޝިއާގެ ފައުޖުތައް ފަހަތަށް ޖެއްސުމަށްޓަކައި އެއީ މިވަގުތަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަމަ އެއާއެކު އޭނާ ވަނީ ހަނގުރާމައިން މިހާރު ޕުޓިން ބަލިވެއްޖެ ކަމަށާއި ސުލްހައިގެ މޭޒަށް ވަޑައިގަތުން ނޫން ގޮތެއް ދެން ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.