އަންނަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް އެ ޕާޓިން ބާއްވާ ރިޔާސީ ޕްރައިމަރީއަށް ދެ ދުވަސްތެރޭ ހުޅުވާލާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ. ޑިމޮކްރެޓްސް އިން މިރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ރިޔާސީ ކެމްޕެއިން ކުރާ ކަމަށް ބުނުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބެފުޅެއްތޯ މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށާއި ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޓީން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

އަންނަ ހަފްތާގައި އެ ޕާޓިން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމަށް ހުޅުވާލާ އިރު، އެ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަން އަދި ސާފެއް ނުވެއެވެ. އެމްޑީޕީއާ އެކު އެމަނިކުފާނު ހުންނެވި އިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ. އަދި އެ އިންތިހާބާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ނަޝީދު ވާހަކަފުޅު ދައްކަވަފައިވާ އިރު، އެއާއެކު އެމްޑީޕީ ތެރޭގައި ދެބަސްވުމާއި ހިޔާލު ތަފާތުވުން އިތުރުވެ، އެ ޕާޓީން ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެންބަރުންތަކެއް ވަނީ ވަކިވެފައެވެ.

އެއާއެކު އެމްޑީޕީން ވަކިވި މެންބަރުން އެކުވެގެން 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ފަހު ނަޝީދު ވަނީ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެމްޑީޕީ ރޫޅާލާނެ ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލި ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ އިތުރުން ހަރަތު ސިޔާސީ ޕާޓިއަކުން ވާދަކުރާނެ ކަން ވަނީ އިއުލާން ކޮށްފައެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް އާއި އެމްއެންޕީ އަދި ޖޭޕީއެވެ. އެ ޕާޓިން ނެރޭ ކެންޑިޑޭޓުން ވެސް ވަނީ އިއުލާން ކޮށްފައެވެ.