ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަނީ ހިޔަންޏަށް މުޑި ނަގާހެން ކަމަށް ވިދާޅުވެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވައި މަލާމާތެއް ކުރައްވައިފިއެވެ.
ޝަރީފް ވިދާޅުވީ އަދި މި ރިޔާސީ ރޭހުގައި އޮތީ އެމްޑީޕީ އެކަނި ކަމަށާއި ބައެއް ފަރާތްތައް ހިޔަންޏަށް މުޑި ނަގާހެން ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އަދި އެ މީހުންގެ ކެނޑިޑޭޓަކު ފެންނަން ނެތް ނަމަވެސް ކެމްޕެއިން ފަށައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކެމްޕެއިން ފެށުމަށް ގޮވާލައްވާ ޝަރީފް ވަނީ ކެންޑިޑޭޓެއް ދެއްކުމަށާއި ވާދަކުރަން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުގައި ބަލި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ ގިނަ މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަަމަށް ހީކުރެވުނު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަރައްގީގެ މާ އުސްމިންގަނޑެއް ކަނޑައަޅުއްވާފައި ކަމަށެވެ. އަދި ރައީސް ސޯލިހަށް 2 ވަނަ ދައުރެއް ދީފިނަމަ އެއަށް ފަހު ރައީސަކަށް ވަޑައިގަންނަވާ ފަރާތަކުން ކުރާނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ.
އެމްޑީޕީގެ ތަރައްގީގެ މުއްދަތަކީ 10 އަހަރު ކަމަށާއި ރައީސް ސޯލިހްގެ ވެރިކަމުގައި ހޭދަ ކުރެއްވި 5 އަހަރު ތެރެއިން 2 އަހަރަކީ މުޅި ދުނިޔެ ވެސް ހުއްޓުނު 2 އަހަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީއަށް ލިބުނު 3 އަހަރު ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އެހެން ދައުރުތަކުގައި ކުރި މަސައްކަތުގެ 3 ގުނަ އިތުރަށް ކޮށް ނިންމާލާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މިހާރު ފެށިފައިވާ މަސައްކަތްތަކުގެ އިތުރުން އެމްޑީޕީގެ ޕްލޭންގައިވާ އިތުރު މަސައްކަތްތައް ކުރުމަށް އަދި އެއް ދައުރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރި ގޮތަށް ހުރި ފައްކާ ޣައްދާރެއް.