އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިބާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯއިން 5 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯއިން ބުނީ އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000 ރުފިޔާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކުރެވިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައި ވެސް ފަންޑުފޮއްޓެއް ބެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ ފަރާތުން އެ ފައިސާގެ އެހީގެ ޗެކް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލްއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާގައި މިހާރު ޕަލަސްތީނުން 4651 މީހުން ޝަހީދުވެފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 14245 އަށް އަރާފައެވެ.