ސްޓެލްކޯގެ ކޮރަޕްޝަން މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެންޓިކޮރަޕަޝްނަ ކޮމިޝަން (އޭސީސީ) އިން ވަނީ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ކަށަވަރުކޮށް ދީފައެވެ. އޭސީސީން ބުނީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކޮމިޝަނުން ބަލަމުން އަންނަ ސްޓެލްކޯގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ސްޓެލްކޯއަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް އޮތީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި އޭސީސީން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 120 މިލިއަން ރުފިޔާ ދިނުމަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ވަނީ ގެނެސްފައެވެ. އެ ސެޓްލްމަންޓް އެއްބަސްވުމުގައި ޝަރީފު ސޮއި ކުރެއްވީ، ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެއެވެ.
އަދި އެކަން ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސްޓެލްކޯ އިން ވަނީ އޭސީސީގައި އެދިފައެވެ.