ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އދ. ދަނގެތީގައި ގާއިމް ކުރި ފެނުގެ ނިޒާމުން ރައްޔިތުންނަށް ހިދުމަތް ނުލިބޭތީ އެ ނިޒާމް ބަދަލުކޮށް ކުރިއަށް އޮތް ތިން މަސް ތެރޭ ނިންމަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި ދަނގެތީގެ ފެނުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ އެމްޑީއާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.

މި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު ދެއްކެވި ވާހަކަގައި ވަނީ، ދަނގެތީގެ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމް ކުރެވުނު ނަމަވެސް، މިއަދާ ހިސާބަށްވެސް އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާކަން ފާހަގަ ކުރައްވާފައެވެ. އަދި ދަނގެތީގައި 18 ގެސްޓް ހައުސްއާއެކު 280 އެނދު އޮޕަރޭޓް ކުރަމުންދާ އިރު، ދަނގެތީގެ ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއް ކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯ އާ ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅި ކަމަށާއި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅި ކަމަށެވެ. ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށް ހައުސިން މިނިސްޓްރީ އާ ހަވާލު ކުރި ކަމަށެވެ.

"އަޅުގަނޑު ސްޓެލްކޯއާއި ހަވާލުވި އިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެ ބެލުން"
އަހްމަދު ޝަރީފު

ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާ ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރު އެ ހިދުމަތް ދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމްކޮށްފައި އޮތްތޯ ބަލާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ބޭރުގެ ކުންފުނިން، އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް އެވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ހަދާފައިވާ ޓޭންކުގައި ދަބަރު ޖަހައި، ލޯވަޅު އެޅި ފެން ނުހިފަހައްޓުމެވެ. އަދި އާރުއޯ ޕްލާންޓަކީ ވެސް އެކަށީގެން ނުވާ ޕްލާންޓެއް ކަމަށާއި އަޅާފައިވާ ނެޓްވޯކްގެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް، ޕްރެޝަރުގައި ފެން ދޫކޮށްލުމަށް އެކަށީގެންވާ ހޮޅި ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ޕްރެޝަރުގައި ފެން ދޫކުރުމާ އެކު ލީކުވާން ފަށާ ކަމަށާއި، އެކި ދިމަދިމާލުން ހޮޅި ފަޅައިގެންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން މިނިސްޓްރީގައި އެދިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެ ނެޓްވޯކް ގާއިމް ކުރާ އިރު، 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށާއި، ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.