ގޭބިސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް ފްލެޓް ރޭޓަކަށް 1/50 ރުފިޔާ ކަނޑައަޅައިފި ނަމަ، ކަރަންޓު ބިލުން 31 ޕަސެންޓާއި 52 ޕަސެންޓާ ދޭތެރޭ މިންވަރަކަށް ކުޑަ ވާނެ ކަމަށް ލަފާ ކުރެއްވޭ ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާވެޔޮމަގުގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކަރަންޓު ބިލް ބޮޑުވާ މައްސަލައަށް ހައްލު ގެނެސް ދެއްވުމުގެ ގޮތުން ހުރިހާ ގޭބިސީއެއްގެ ކަރަންޓު އަގު ކުރާނީ ފްލެޓު ރޭޓެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އަގު ކުރާނީ އޭރުން އެއް ރޭޓަކުން ކަމަށާއި އޭރުން ކަރަންޓު ބިލު އެހާ ބޮޑުވެގެން ނުދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.

ފްލެޓް ރޭޓެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާ އިރު، މިހާރު ސްޓެލްކޯއިން ކަރަންޓް ބިލު އަގު ހެދުމަށް 7 ބޭންޑެއް ގެންގުޅެއެވެ. އޭގެތެރެއިން އެންމެ ދަށްކޮށް އަގު ނަގާ ބޭންޑަކީ ދޮޅު ރުފިޔާ ނަގާ ބޭންޑެވެ. އެއަށް ފަހު، 1.70 ރުފިޔާ، 2.15 ރުފިޔާ، 2.50 ރުފިޔާ، 2.95 ރުފިޔާ، 3،55 ރުފިޔާ އަދި އެންމެ މަތިން އަގު ނަގާ ބޭންޑަކީ 4.25 ރުފިޔާގެ ނަގާ ބޭންޑެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް މިރޭ ވިދާޅުވީ، ފްލެޓް ރޭޓް ކަނޑައަޅާ އިރު، މިހާރު ބޭނުން ކުރަމުންދާ 7 ބޭންޑުގެ ތެރެއިން އެންމެ ދަށްކޮށް އަގު ހަދާ ބޭންޑު ކަމަށްވާ 1/50 ރުފިޔާގެ ރޭޓަށް ފްލެޓް ރޭޓް ހަދައިފި ނަމަ، ގާތްގަނޑަކަށް 52 ޕަސެންޓާއި 31 ޕަސެންޓާ ދޭތެރޭގެ މިންވަރަކަށް ބިލުގެ އަގު ކުޑަވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރައީސް ގެ މި ނިންމެވުމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ކަރަންޓު ބިލު އަގު ހެދުމަށް ފްލެޓް ރޭޓްގެ ގޮތުގައި ކަނޑައަޅާނެ މިންވަރު ކަނޑައެޅުމަށް ކަމާ ގުޅޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި މި ކަމުގެ ސަބަބުން ސްޓެލްކޯގެ އާމްދަނީ ކުޑަވެގެންދާނެ މިންވަރަކާއި އާމްދަނީ ހިފަހައްޓާނެ މިންގަނޑުތައް ދެނެގަތުމަށް ދިރާސާތައް ކުރަމުންދާ ކަމަށެވެ. މިކަންކަން ބަލައި މަޝްވަރާތައް ނިމުމުން ކަރަންޓް ބިލް ހެދުމަށް އަގު ހަދާނެ ފްލެޓް ރޭޓް ކަނޑައަޅައި އިއުލާން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގެ ދިރާސާތަކާއި މަޝްވަރާ ކުރުންތައް ފުރަތަމަ މަރުހަލާގައި އޮތް ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، މި ރޭޓް ކަނޑައެޅޭނެ ކަމަށް ލަފާ ކުރެވެނީ ދެވަނަ ދައުރު ފެށިގެން [ރައީސް ސޯލިހު ހޮވިގެން] ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ކަމަށެވެ. ނަމަވެސް ފްލެޓް ރޭޓް ކަނޑައަޅާނެ ސީދާ ތާރީހެއް ޝަރީފް ހާމައެއް ނުކުރައްވައެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަނީ އއ އަތޮލާއި، އދ، ކ، އަދި ވ އަތޮޅުގައެވެ. މި ވަގުތާ ހަމައަށް ސްޓެލްކޯއިން ހިދުމަތް ދޭ މީޓަރުތަކުގެ އަދަދަކީ 77،275 އެވެ. އޭގެތެރެއިން މީހުން ދިރިއުޅޭ ތަންތަނުގައި ހުރި މީޓަރުތަކުގެ އަދަދަކީ 60،509 ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެތެރެއިން މާލެގައި 53،412 މީޓަރު އަދި އަތޮޅު ތެރޭގައި 7،096 މީޓަރު ހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.